ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓު ކުރި މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ރައްޔިތުން މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ފޭސްބުކް ސްޓްރީމަކަށް ކޮމެންޓް ކުރި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު، އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ލިބޭގޮތަށް ދައްކާ ވާހަކަ އާއި، އެފަދަ އިންޒާރުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާގައި ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސް ކުރިއަށް ދަނިކޮށް ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެފައެވެ. މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.

އެ ކޮމެންޓު ކުރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް ފައެވެ. މިމައްސަލަ ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވަށައިގެންވާ ސަރަހައްދުތަކުގެ ސެކިއުރިޓީ ވަނީ މަތިކޮށްފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ. "ހިތްވަރު ދިނުން" ކަމަށް ގާނޫނުގައި ބުނެފައި ވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހި ކުރުމަށް ހިތްވަރުދޭ ކަމެއް ކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުން ކަމަށެވެ. އެގޮތުން ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ވެސް ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.