ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރި ނަމަވެސް މާލެ ސަރަހައްދުގައި 37 މިސްކިތެއްގައި ފެން ކަނޑާ ނުލާ ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ވަީ ފިޔަވޅުތަކެއް އަޅަފައި ކަމަށެވެ އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި ދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލެވިފައެވެ.

ނަމަވެސް ބައެއްފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދާތީ، އާންމު މަސްލަހަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރުމަށް ނިންމި ކަމަސް އެ މިނިސްޓްރީން ބުނެއެވެ. މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައި ވިއަސް ބައެއް އާންމު ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުން ދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާހާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ހާލަތުގައިވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މި ބަލިމަޑު ކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިސްކިތްތައް ބަންދުކުރުމާ އެކު މާލެ ސަރަހައްދުގައި ތޮއްޖެހިގެން ދިރިއުޅޭ ބައެއް އާއިލާތަކުން ވަނީ އެ އާއިލާތަކަށް ނަމާދު ކުރަން އޮތް ތަނަކީ މިސްކިތްތައް ކަމަށާއި މި ފަދަ ދަނޑިވަޅެއްގައި ނަމާދު ކުރުމަށް އެ ފަރާތްތަކަށް ހުރަސްތަކެއް ހުރި ކަމަށް ބުނެފައެވެ. އަދި އެފަރާތްތަކުގެ މި ޝަކުވާތަކާއެކު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި މިފަދަ ކަންބޮޑުވުންތައް ވެސް ހިއްސާ ކޮށްފައެވެ.