އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ސާފުވާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލު ކުރުން ކަމަށެވެ.

އެގޮތުން އެ ކުށުގެ އަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާން ކުރުމަށް ޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް އެ ބިލުގައި ހިމަނާފައި ވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭގެ ތެރޭގައި މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން ވެސް އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ބިލުގައި ވަނީ ހުށަހަޅާފައެވެ.

އޭޖީން މިފަދަ ކަމެއް ކުރާކަން ހާމަ މިކުރީ، މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނެފިނަމަ އެއީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުމާއެކު ފާޑުކިޔުންތައް ގިނަވެ ސަރުކާރަށް ޕްރެޝަރު ބޮޑުވެގެންނެވެ.

ހިސާނުގެ ބިލުގައި ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.