ކޮވިޑު19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 62 އަހަރުގެ ދުވެއްސަކު މަރުވެ މިއަދުގެ މަރުވި މީހުންގެ އަދަދު 6 އަކަށް އަރައިފިއެވެ.

މިއީ ރާއްޖެއިން މަރުވި 167 ވަނަ މީހާއެވެ. މިއަދުގެ 6 ވަނަ މަރަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު މަރުވި ފަސް މީހުންގެ ތެރޭގައި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްއަށް ގެންދިޔަ 88 އަހަރުގެ ދިވެހި އަންހެނެއް ހިމެނެއެވެ. ހަމައެއާއެކު އެޗްއެމްއެފްއިން ފަރުވާ ދެމުން ދަނިކޮށް މިއަދު 3 މީހުން މަރުވެފައިވެއެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.

މިދިޔަ މަސް ނިމުނު އިރު މެއީ މަހު އެކަނިވެސް ވަނީ 34،561 މީހަކަށް ކޮވިޑް ޖެހި މި ބަލީގައި 88 މީހަކު މަރުވެފައެވެ. މަރުވި 88 މީހުންގެ ތެރެއިން 52 މީހުންނަކީ ވެސް އެޗްއެމްއެފުން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހުންނެވެ.