ބަންދުގައި ބަހައްޓައިގެން ހެކި ހޯދުމަށް ފުރުސަތު ދިނުމަށް މަގުފަހި ކުރުވުމަކީ ހައްގުތަކަށް އަރައިގަތުމަށް ހުޅުވައިލެވޭ ދޮރެއްކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް މި މޭރުމުން ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓުމާއެކު އަނެއްކާވެސް އިތުރު ބާރުތަކެއް ފުލުހުންނަށް ލިބޭގޮތައް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ. މުހުތާޒް ވިދާޅުވެފައިވަނީ އޭގެ ބަދަލުގައި ހެއްކާބެހޭ ގާނުނު ފާސްކޮށްދެއްވުން މާ މުހިންމު ކަމަށާ، އަދި ހާއްސަ ހާލަތްތަކުގައި ހެކި ވަޒަންކުރާނޭ ގޮތުގެ އިޖުރާތުވެސް ފާސްކުރުން މުހިންމު ކަމަށެވެ.
މީގެ ކުރިންވެސް ޓެރަރިޒަމްގެ ގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދީފައިވެއެވެ. އޭގެތެރޭގައި ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމުގެ އިތުރުން ކޯޓު އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ދިނުން ހިމެނެއެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭގޮތަށް އޭރު ހުށައެޅި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެކަމަށް އެއްބަސްނުވެވި ވަނީ އެ މުއްދަތު 24 ގަޑިއިރަށް ކުޑަކޮށްފައެވެ.
މުހުތާޒް އިތުރަށް ވިދާޅުވެފައިވަނީ ގާނޫނުތައް ހަރުކަށިކުރުމުން ހައްލު ލިބޭނޭކަމަށް ދެކުމަކީ ކުއްހީއެއްކަމަށާ، ހައްލުކުރަންވީ އިޖުތިމާއީ މައްސަލަތައް ކަމަށެވެ. އަދި އިޖުތިމާއީ އޮނިގަނޑު އިސްލާހުނުކޮށް ކުށްކުރުން ހުއްޓުވިދާނޭ ކަމަށް ހީކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުން ކަމަށްވެސް މުހުތާޒް ވިދާޅުވެފައި ވެއެވެ.