ގިނަ ބައެއްގެ އަތުން އެތަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާ ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު. މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލައިފިއެވެ.
ޕީޖީ އޮފީހުން ބުނީ އަންމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލާ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ ކަމަށެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެއެވެ.
ޕީޖީ އޮފީހުން ބުނީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2014 ވަނަ އަހަރުގެ މާޗް 13ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.
ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަންމަޓީ ލަންކާއިން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 21، 2021 ވަނަ ދުވަހުއެވެ.
ސީލައިފުން ވަނީ ހުޅުމާލޭގައި 3000 އެޕާޓްމެންޓު ގާއިމް ކުރުމަށް އިއުލާންކޮށް 280 މީހުންގެ އަތުން 50،000 ރުފިޔާ ނަގާފައެވެ. އެގޮތުން ޖުމްލަ 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އާންމުންގެ އަތުން ނަގާފައެވެ.
ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ.
ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް އިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.