ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓޭ ގޮތް ހަދަން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މައިގަނޑު ބޮޑު ބަދަލަކީ، މިހާރު 24 ގަޑިއިރު ކޯޓު އަމުރާ ނުލާ ހައްޔަރު ކުރެވޭ ވަގުތު 48 ގަޑި އިރަށް ދިގު ދެންމުމާއެކެ، އެއާ ބެހޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި އެމީހަކު ހުރި ތަނެއްވެސް ކޯޓު އަމުރަކާ ނުލާ ފާސް ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

އަދި ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުންނަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނިންމާފައިވެއެވެ. ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހުން އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ހަނގުރާމައަށް ދިޔުމަށް ފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންނާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ އެފަދަ މީހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ.

ކޯޓު އަމުރަކާ ނުލާ 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބިލެއް މިއަދު މަޖިލިހަށް ފޮނުވި އިރު، 2019ވަނަ އަހަރުވެސް ވަނީ މަޖިލީހަށް ބިލެއް ފޮނުވާފައެވެ. އެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލުގައި އެ ބާރު ފުލުހުންނަށް ދިނުމަށް ހިމަނާފައިވެއެވެ. އޭރު އެކަމަށް ބައެއް އާންމުން ކަންބޮޑުވުންވެސް ފާޅުކުރި އެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް، ތަޅުމަށް ފޮނުވީ އެ ވަގުތު 24 ގަޑިއިރަށް ކުޑަ ކޮށްފައެވެ. އޭރު އެގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފެށީ، ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަންގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިފަހަރު އަނެއްކާވެސް ބިލަށް އިސްލާހު ހުށަހަޅާފައި މި ވަނީ، މި މަހު ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވަނިކޮށެވެ.