އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، އޭނާގެ ލޯބިވެރިޔާ ކެރީ ސައިމަންޑްސްއާ ކައިވެނިބައްލަވައިގެންފައި ވާ ކަމަށް، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެންމެ ގާތް އެކުވެރިންނާއި އާއިލާ މެންބަރުންގެ ހާޒިރުގައި ކުރިއަށް ގެންދިޔަ ކުޑަ ހަފުލާއެއްގައި، ޖޯންސަން ކައިވެނިބައްލަވައިގަތީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކައިވެނި ހަފުލާގެ އަޑުތަކާ ދިމާކޮށް، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހުންނަ ސަރަހައްދުން، މިއުޒިކް ކުޅޭ މީހުންގެ ހަރަކާތްތައް ފެނިފައި ވާކަމަށް އިނގިރޭސި މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން މިކަމާ ބެހޭ އެއްވެސް ވާހަކައެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޖޯންސަންގެ ކައިވެނި ހަފުލާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު 30 މީހަކަށް އެރުވިކަމަށް ހަބަރު ލިބެއެވެ. އެއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެއްވަގުތެއްގައި އެއްވުމަށް ހުއްދަ އޮންނަ އެންމެ ގިނަ މިންވަރެވެ.

އުމުރުން 33 އަހަރުގެ ސައިމަންޑްސްއާއި 56 އަހަރުގެ ޖޯންސަންއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަމުގެ ވާހަކަތަކަށް އާންމުންނާ ހިސާބަށް އެންމެ ފުރަތަމަ ތިލަވީވެސް މީޑިއާގެ ޒަރިއްޔާއިން، 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.