ރާއްޖޭގައި ހިންގާ ނޫހެއް ކަމަށްވާ "މިހާރު" ނޫހުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ނަޝީދުގެ ރައްކާތެރިކަން ގެއްލުވާލާފައިވާ ކަމަށާއި އެ މައުލޫމާތު އެ ނޫހާ ހިއްސާ ކޮށްފައިވަނީ ސިފައިން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

އެ މައްސަލަ ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ނިންމީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި މީހަކާ ހަވާލާދީ ނަޝީދުގެ ސެކިއުރިޓީ އާއި ކެނެރީގޭގެ ގިނަ މައުލޫމާތުތަކެއް ހިމަނާފައި ވެއެވެ.

މަޖިލީހުގެ 241 ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ރިޕޯޓުގައި ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާންކޮށްފައި ވާ ކަމަށެވެ. ރިޕޯޓަށް ދީފައިވާ މައުލޫމާތު ލިބިފައި ވަނީ ސަލާމަތީ ބާރުތަކަށް އެކަނި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން އެ މައުލޫމާތު އެގޮތަށް އާންމު ވުމަކީ، ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާ ކަމެއް ކަމަށް ވެސް ދެކޭ ކަމަށް ކޮމެޓީން ބުނެއެވެ.

"މިމައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށް ވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން މިކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިކޮމިޓީއިން މިމައްސަލަ ބެލުމަށް ނިންމާފައިވާކަމުގައި ދަންނަވަން،" ބަޔާނުގައި ވެއެވެ.

އެ ނޫހަށް މައުލޫމާތު ހިއްސާ ކޮށްފައި އެ ވަނީ ސިފައިން ކަމަށް ތުހުމަތުކޮށް އެފަދަ ކަމެއް ކުރުމަކީ ކުށެއް ކަމަށް އެ ކޮމިޓީން ބުނެއެވެ. އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައި ވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ހިއްސާ ކުރުމަކީ މަނާ ކަމެއް ކަމާއި އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމަށް އެ ބަޔާނުގައި ބުނެއެވެ.

"މިހާރު" ނޫހުގެ އެ ރިޕޯޓް އެމްޑީޕީން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. އެއީ އެމަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރަން ކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަ ކުރެއެވެ.