މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއް ގައި މީހަކު މަރުވެފައި ވާއިރު އެތަނުގައި މަޑުނުކޮށް ދިޔަ މީހާގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓަށްފަހު މަޑު ނުކޮށް ދިޔަ މީހާ އާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އެ ރޭ 10:00 ހާ އިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ ވަނީ އެތަނުގައި ހުރި ގާޑިއަލެއްގެ މުއްދަނޑު އޭނާގެ ކަރަށް ވަދެ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެ ފައެވެ. މި އެކްސިޑެންޓުގައި މަރުވީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ.

އަދި އޭނާ މަރުވި ފަހު ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުގައި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ އެތަނުގައި މަޑުނުކޮށް ގޮސްފައެވެ. އަދި އެ ސައިކަލު ދުއްވަން އިން މީހާގެ ނުފެންނަ ކަަމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ބުނެފައެވެ.