މިއަދު ކޮވިޑް ބަލީގައި ދެވަނަ މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މަރުވެފައި ވާ ދެވަނަ މީހަކީ އުމުރުން 79 އަހަރުގެ ދިވެއްސެކެވެ. މި މީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ނަމަވެސް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރަސްމީކޮށް މި މައުލޫމާތު ހިއްސާކޮށްފަ އެއް ނުވެއެވެ.

މިއީ މިއަދުގެ ދެވަނަ މަރަށް ވީއިރު މި ބަލީގައި މިހާތަނަށް މަރުވި 150 ވަނަ މީހާއެވެ. މިއަދު ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މި މީހާއަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮއްވާ މަރުވި މީހެކެވެ.

މިއަދު ދެމީހުން މިހާތަނަށް މަރުވެފައިވާ އިރު އިއްޔެ މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ މި ހިނގާ މޭ މަހުއެވެ. މި މަހު މިހާތަނަށް 77 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

އެގޮތުން މި މަހުގެ 24 ވަނަ ދުވަހަކީ ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އެ ދުވަހު ޖުމްލަ 13 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.