މިރޭ މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓް ވެ ފަހަތުގައި އިން މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އޭނާ މަރުވެފައި ވަނީ އެކްސިޑެންޓް ވުމާއެކު އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. މަރުވީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ސައިކަލު ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 10 އެއް ޖަހާ ހާއިރު ކަމަށްވެސް ބުނެއެވެ.

މާލޭގައި މި އެކްސިޑެންޓް ހިނގާފައި މިވަނީ، ކޮވިޑާ ގުޅިގެން ކާފިއު ހިންގާފައި ވަނިކޮށެވެ. ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއު ހިންގާފައި އޮތް އިރު ހުއްދަ ނެތި މަގުމަތީގައި އުޅުމާއި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެކެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ އެކްސިޑެންޓް ވުމާއެކު ފިލާފައި ވާކަމަށް ގަބޫލު ކުރެވޭ ކަމުގައި ފުލުހުން ބުނެއެވެ.