މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފިއެވެ.

އިސްލާމިކު މިނިސްޓްރީން ބުނީ، މާލޭ ސަރަހައްދުގެ މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރަން ނިންމީ، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލުން ނެއްޓިފައި ވާ އިރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މެއި 19، 2021 ގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގި ނަމަވެސް ބައެއް މީހުން އެކަން ކުރާތީއާއި މިހާރު ކާފިއު ހިންގާފައި ވުމާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލަން އަންގާފައި ވަނިކޮށް ބައެއް ފަރާތްތަކުން ގައިދުރުކަމެއް ނެތި ނަމާދުކުރަމުން ގެންދިޔަކަން ފާހަގަ ކުރެވުނު ކަމަށެވެ.

މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ވަގުތީ ގޮތުން ބައްދު ކުރަން ނިންމި އިރު، ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި ނިންމުން ނިންމާފައި ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފަޔާއެކުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރި ނަމަވެސް، ހުރިހާ ފަރުޟު ނަމާދެއް ކޮށް ގިނަ ގިނައިން ސުންނަތް ކުރުމާއި ގުރުއާން ކިޔެވުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ފެތުރޭލެއް އިތުރުވެ މީގެ ކުރިންވެސް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ދިގު މުއްދަތަކަށް ހުއްޓާލިއެވެ.

މިއަދު ރާއްޖެއިން 1299 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.