ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހާއަށް އަނިޔާކުރި ބަންގްލަދޭޝް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެއް ކަމަށެވެ.

އެމީހާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ އިރު، އެވީޑިއޯއިން ފެންނަ ގޮތުގައި އެ ކެއާ ޓޭކާ ވަރަށް ބާރަށް އެބަލި މީހާގެ މޫނުގައި ޖަހާ މަންޒަރު ފެނިގެން ދެއެވެ. އަދި އެމީހާ ޖެހުމާއެކު ބަލި މީހާ ބާރަށް ރޯން ފެށި މަންޒަރާ އަޑު އިވިގެން ދިޔައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެޗްއެމްއެފްއަށް އަދި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބަލިމީހާގެ ގައިގައި ޖަހަނީ އެޗްއެމްއެފްގެ މުވަމުވައްޒަފެއް ނޫން ކަމަށެވެ. ނަމަވެސް އެއީ އާއިލާގެ ފަރާތުން ބަލިމީހާ ބަލަހައްޓަން ފެސިލިޓީގައި އެހީތެރިއެއްގެ ގޮތުން ބަހައްޓާފައި ހުރި ބިދޭސީ އަކު ހިންގާފައިވާ އަމަލެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެގޮތަށް މީހެއްގެ ގައިގައި ޖެހުމަކީ ޖިނާއީ ކުށެއްކަމުގައިވާތީއާ އައިޖިއެމްއެޗުން ބަލަހައްޓަމުން އަންނަ މެޑިކަލް ފެސިލިޓީއެއްގައި މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްކަމުގައި ނުވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.