ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދޫކުރުން މެދުކަނޑާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ކޮވިޑުން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން، ކޮންސްޓްރަކްޝަން އަދި އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައި ހުންނަ ސައިޓެއް ނަމަ، ހާއްސަ ހުއްދައެއް ދޫކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިއަދުން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައިވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ބޭރަށް ނިކުތުމަށް ފުލުހުންް ހުއްދަ ދޫކުރަނީ ކޮންމެ ގޭބީސީއަކަށް ދެ ހުއްދަ އެވެ.

ވަޒީފާ އަށް ދާ ފަރާތްތަކަށް ވެސް ހާއްސަ ހުއްދަތައް ދޫކުރާއިރު، ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ހާއްސަ ހުއްދަ ބޭނުންވެއެވެ.

އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ