ވިލާ ކުންފުނީގެ ވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އެހީގައި ސިއްހީ ދާއިރާއިން ކިޔެވި ދަރިވަރުން ދައްކަން ޖެހޭ ލޯނު މިއަދުން ފެށިގެން މައާފު ކޮށް ދެއްވަފިއެވެ.

ގާސިމް ވިދާޅުވީ، ވިލާ ފައުންޑޭޝަންގެ "ސްކޮލަޝިޕް ސްކީމްގެ" ދަށުންނާއި ގާސިމްގެ ލޯނުގެ އެހީގެ ދަށުން މެޑިސިން ދާއިރާއިން ތައުލީމް ހާސިލް ކޮށްފައިވާ ދަރިވަރުން ވިލާ ފައުންޑޭޝަންއާއެކު އެއްބަސްވެވިފައިވާ ގޮތަށް މިހާތަނަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ތިބި ދަރިވަރުންނަށް ނުދެއްކި ހުރި ފައިސާ މައާފްކޮށްދެއްވާ ކަމަށެވެ. އަދި އެފައިސާ މައާފްކޮށް ދެއްވަނީ މިއަދުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ މި ހާލަތުގައި ވިލާ ފައުންޑޭޝަނަށް ލިބެމުން އަންނަނީ ފޫ ނުބެއްދޭ ވަރުގެ ދަތިތަކެއް ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ޕެންޑަމިކްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތަތައް ބުރަކޮށް ގިނަ ވަގުތު ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ފާއިތުވި އަހަރެއްހާ ދުވަހު ގައުމައްޓަކައި ސިއްހީ ދާއިރާގައި ތިބެގެން އެ ދަރިވަރުން ކޮށްދޭ މަސައްކަތް އުފަލާ އެކު ބަލައިގަންނަ ކަމަށެވެ. އަދި އެ ދަރިވަރުން އިންސާނިއްޔަތު ކަމަށްޓަކައި ކުރަމުންދާ މަސައްކަތައް ގާސީމް ވަނީ ޝުކުރު ދަންނަވާފައެވެ.

މިއަދަކީ އެންމެން އެއްބައިވަންތަކަން ދައްކައި އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބަލިމަޑުކަމުން ސަލާމަތް ވުމަށް ސަރުކާރާއެކު ކުރަމުން ދާ މަސައްކަތްތަކުގައި ﷲގެ ރަހްމަތް ލެއްވުމަށާއި މި ބަލިމަޑުކަމުން ރާއްޖެއާއި މުޅި އިންސާނިއްޔަތު ސަމާލަތް ކޮށްދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވއިެވެ.

ކޮވިޑް ބަލިމަޑުކަން މިހާރު ރާއްޖޭގައި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ދުވާލެއްގެ މައްޗަށް 1000އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އިރު މި ބަލީގައި ފަރުވާ ހޯދަން ޖެހޭ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މި ވަގުތު ގައުމުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރަން ޖެހޭ މީހުންނަށް ގޮން ޖެހުންތައް ހުރުމުގެ ސަބަބުން މެޑިސިން ދާއިރާގައި ކިޔަވާ ދަރިވަރުންވެސް އަންނަނީ ސިއްހީ އެހީތެރިންގެ ގޮތުގައި ޓްރެއިން ވެ މަސައްކަތް ކުރަމުންނެވެ.

ގާސިމް އަކީ ރާއްޖޭގައި ގިނަ ދިވެހި ދަރިވަރުންތަކަކަށް ކިޔެވުމަށް ލޯނު ފޯރުކޮށްދޭ ފަރާތެކެވެ. އަދި ވިލާ ފައުންޑޭޝަން އަކީ ވެސް ކިޔަވުމަށް ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ