އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ކުރީގެ އޮޑިޓާ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމެއް ކަމުގައިވުމާއި އެއީ ދިވެހި ރައްޔިތަކަށް ވާން ޖެހެއެވެ. އަދި އުމުރުން 65 އަހަރު ނުވާ މީހަކަށް ވާންޖެހެއެވެ. އަދި 35 އަހަރުވެފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

އޮޑިޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ ހަވަނަ އަދި ހަތްވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފައި ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސަބަބަކީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހިއްސާކުރި ބޮޑު ހިޔާނާތުގެ ލިސްޓުގައި ޒިޔަތުގެ ނަން އޮތުމެވެ. މަޤާމުން އިސްތިއުފާ ދެއްވާ ޒިޔާތު ވިދާޅުވީ، އެ ލިސްޓުގައި ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެ ލިސްޓުގައި އެމްއެމްޕީއާރުސީ ފައިސާއިން ޒިޔަތަށް ލިބުނު ވަރު ނެތް ނަމަވެސް އޭނާ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވާގޮތުން ކެމްޕޭން ދުވަސްވަރު ޕާޓީން އޭނާއަށް ފައިސާ ލިބުނު ކަމަށާއި ނަމަވެސް އެއީ އެމްއެމްޕީއާރުސީ ފައިސާކަން އޭނާއަށް އެނގިވަޑައެއް ނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޒިއަތަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ކޮއްކޮވެސް މެއެވެ.