ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައި ހުންނަ މުއްދަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައި ވާ މުއްދަތު، ޖޫން މަހުގެ 8 ގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ކުރައްވާފައިވާ ކަމަށެވެ.

މި މުއްދަތުގައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށާއި، ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކުރުމަށް ނޫން ގޮތަކަށް މުވައްޒަފުން އޮފީސްތަކަށް ނުނެރުމަށްވެސް ރައީސް އަންގަވާފައި ވާކަމަށް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، އޮފީސްތައް ބަންދު ކުރި މުއްދަތު އިތުރު ކުރީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބޭނުމުގައި ކަމުގައި ވާއިރު، ހުރިހާ ފަރާތްތަކަކުންވެސް އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލަނބާ ކޮވިޑް ފެތުރުން ހުއްޓުވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރުމަށެވެ.

ސަރުކާރު އޮފީސްތައް ނުހުޅުވައި ގޭގައި މަސައްކަތް ކުރާގޮތަށް ނިންމި ނިންމުން ދަންމާލާފައި މިވަނީ ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައި ވަނިކޮށެވެ. އެގޮތުން މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގަން ނިންމާ އެނޫން ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.