ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި 7 ދައުވާ ބާތިލް ކުރަން ނިންމެވި ކްރިމިނަލް ކޯޓުގެ ޤާޒީ އިސްމާއީލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ގާޒީ އިސްމާއީލް ރަޝީދުގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ ފަނޑިޔާރު ކަމުގައި އޭނާ ހޭދަ ކުރެއްވި މުއްދަތުގައި އަމަލު ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތުގެ އެންމެހާ ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަ ކަމަށް ކަމަށެވެ.
އެއްވެސް ފަރުދަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާ އެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައި ނުވާއިރު ހުރިހާ މައްސަލައެއްގައި ވެސް ހަމަހަމަކަން އިސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވަނިކޮށެވެ.
އެ މައްސަލަ އާ ގުޅިގެން ޖޭއެސްސީ އިން ބުނެފައި ވަނީ އެމައްސަލަ ތަކުގައި ގާޒީ އިސްމާއިލް ރަޝީދު އަމަލުކޮށްފާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.
އޭގެ އިތުރުން ހަވާލާދެވުނު ގަޟިއްޔާތަކާ ގުޅިގެން އިޖުރާއީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް ޖުލައި 12، 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު ޖުލައި 14، 2020 ވަނަ ދުވަހު އެ ގަޟިއްޔާތަކުގައި ހުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ހުކުމަކީ ފެބްރުއަރީ 22، 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ހުކުމެއްކަން، ތަހުގީގުށް ހޯދުނު ޕެންޑްރައިވަކުން އެނގޭ ކަމަށެވެ.
ހަމައެހެންމެ ފެބްރުއަރީ 22 ގައި "އިޖުރާއީ ގޮތުން ނިންމި ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "ޓްރިޕް ފައިނަލް ވީ 2" ކަމަށާއި އެ ނަމަކީ އާންމުގޮތެއްގައި މިބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭތީ އާ، މި ނަމަކީ އެ ގަޟިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ހިލާފު ނަމެއްކަން ފާހަގަވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން އިތުރަށް ބުނެފައި ވަނީ ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓާ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ގަޟިއްޔާތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި ގަޟިއްޔާތަކެއްގެ ލިޔެކިޔެން އެކަނި އެ ޕެންޑްރައިވްގައި ހުރުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ގަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ގަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ އަމަލުތަކާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޖޭއެސްސީން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން އެ ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު އެމައްސަލައިގައި ފާހަގަވެފައިވާ ހަތް ގަޟިއްޔާގައި ގާޒީ އިސްމާއިލް ރަޝީދު ހުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ނޫންކަން ފާހަގަވާކަމަށް އެކޮމިޝަނުން އެކަން ބެލިބެލުމުން ފާހަގަވެފައިވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން ގާޒީ އިސްމާއިލް ރަޝީދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާއާ، އެ ގާނޫނުގެ 33 ވަނަ މާއްދާގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އޭނާގެ އަމަލަކީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ ވަކި ކުރުމަށް ޖޭއެސްސީ އިން ވަނީ ހުށަހަޅައިފައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑުވެސް ކުރިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ސަސްޕެންޝަންގެ މުއްދަތު ހަމަވެ އަލުން ވަޒީފާ އަށް ވަނީ ނިކުންނަން ފައްޓަވައިފައެވެ.