ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްތާން ހަސަން ފަރީދުގެ ދަރިކަލުން މުހައްމަދު ނޫރައްދީން މިއަދު އަވަހާރަވެއްޖެއެވެ.
މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަދުވަސްތަކެއް ވެފައި ވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން 2011 ވަނަ އަހަރު ސަރުކާރުން އަރުވާފައިވާ ނޫރައްދީން މެދުކެނޑުމެއްނެތި 53 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައި ވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ފުރުއްވާފައިވާ މަގާމަކީ 1954 ވަނަ އަހަރު ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމެވެ. އެއަށް ފަހު ވުޒާރަތުލް އަވްފާގުގެ ސެކްރެޓަރީކަމާ، މަހްކަމަތުލް ހާރިޖިއްޔާގެ ސެކްރެޓަރީކަމާ، މީޓިއޮރޮލިޖިކަލް އޮފީހުގެ ވެރިޔާކަމާ، މުނިސިޕަލްޓީގެ ރައީސްގެ ނައިބުކަމުގެ އިތުރުން މުނިސިޕަލް ކައުންސިލަށް ދާހިލިއްޔާއިން އައްޔަން ކުރި މެންބަރުކަން ހިމެނެއެވެ.
އަދި ހަމަ އެހެންމެ ވަޒީރުލްއައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާ، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާ، ނައިބު ކަމުގެ މަގާމާ، މިނިސްޓާ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާ، މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމު އަދި ޑެޕިއުޓީ މިނިސްޓާ އޮފް ސްޓޭޓް ފޮ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް ނޫރައްދީން ވަނީ އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް އެ މަނިކުފާނު ވަނީ އަދާކުރައްވާފައެވެ.
ނޫރައްދީނަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީންގެ ކާފައެވެ.
މުހައްމަދު ނޫރައްދީންގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ވަނީ އަވަހާރަ ވެފައެވެ. އުމުރުފުޅުން 78 އަހަރުގައި އަވަހާރަ ވި ނާސިރާ އަކީ ކުރިން ވަޒީރުކަން ކުރެއްވި ސާހިބުއްސައާދަތު ކޮލިގޭ އުމަރު މަނިކުގެ ދޮށީ ދަރިކަނބަލުންނެވެ.
މިއަދު އަޅުގަނޑުމެންނާ ވަކިވެގެން އެދިޔައީ ގައުމަށް އެތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށް ދެއްވާފައިވާ ބޭފުޅެއް.... މަރްޙޫމަށް ސުވަރުގޭގެ ދާއީމީ ނިޢުމަތް ދެއްވާށި.. އާމީން