ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި 3 މީހަކަށް އިތުރު 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މުއްދަތު ޖަހާފައި ވަނީ 3 މީހަކަށެވެ. މީގެކުރިން ވެސް އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އެއީ މި މަހުގެ 9 ވަނަ ދުވަހެވެ.

އެއީ އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ.

ރައީސް ނަޝިދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު އެ ތިން މީހުންގެ އިތުރުން މީހަކު ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ. އެ ތިން މީހުންގެ އިތުރުން އެ ހަމަލާގައި ހައްޔަރު ކޮށްފައި ވަނީ އެ މައްސަލައިގެ އަތެއް އޮތް ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އެއީ ބ. ދަރަވަންދޫން ހައްޔަރު ކޮށްފައިވާ މީހެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން އެ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ބުނީ ނަޝީދުގެ މޭފުޅާ ދިމާއަށް ވަދެފައި ހުރި ރޭޒާފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިއަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ވަންނާނެ ކަމަށް އޭޑީކޭން ބުންޏެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.