ކޮވިޑް ޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމު ކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާގެ އިތުރުން މުނިފޫހިފިލުވޭނެ އިންތިޒާމުވެސް އެބަހުއްޓެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަކްރަމް ހުސައިން ވިދާޅުވީ، ކޮވިޑް ބަލި ޖެހިގެން މިހާރު ގިނަ އަދަދެއްގެ މީހުން ހުޅުމާލެ ފެސިލިޓީން ފަރުވާ ހޯދަމުން އަންނަ އިރު، އެ ފެސިލިޓީގައި ތިބި ބަލި މީހުންގެ ނަފްސާނީ ދުޅަ ހެޔޮކަން ދެމެހެއްޓުމަށްޓަކައި ބައެއް ކުޅިވަރުތައް ކުޅެވޭނެ ގޮތްތައް ހަމަޖައްސާފައި އެބަ ހުރި ކަމަށެވެ. އެކަން އެގޮތަށް ހަމަޖެއްސީ ހުޅުމާލެ މެޑިކަލް ފެސިލީޓިން ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީގައި ތިބޭ ބަލި މީހުންނަށް ކެރަމް އަދި ރާޒުވާ ކުޅެވޭނެ ކަމަށާއި ޓީވީ ބެލުމަށް ހާއްސަ ކޮށް ކޮޓަރިއެއް ތައްޔާރު ކޮށްފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެފެސިލިޓީގައި ކެރަމް ކުޅުމާއި، ރާޒުވާގެ އިތުރުން ޓީވީ ބެލޭނެ އިންތިޒާމު ހަަމަޖެއްސީ މިދިޔަ އަހަރު ރާއްޖެ ފުލް ލޮކްޑައުންއަކަށް ދިއުމަށް ފަހު ދެވަނަ ސާޖެއް އައިސް ގިނަ ބަޔަކު އެ ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށި ހިސާބުންނެވެ. އެ ގޮތުން ކުރެވެން ހުރި ކަންކަމުގެ ތެރޭގައި ފޮތް ކިޔޭނެ އިންތިޒާމުވެސް އެބަހުއްޓެވެ. ޓީވީ ބަލަން ވަކިން ކޮޓަރިއެއް ހަމަޖައްސާފައި ހުރި އިރު އަޅުކަން ކޮށް ނަމާދު ކުރުމަށް ހާއްސަ ކޮށް ކޮޓަރިއެއް ވެސް އެބަހުއްޓެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ ބަލި މީހުން ތިބި އިރު އެމީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ދޭ ގޮތާ ބެހޭ ގޮތުން އަކުރަމް އެ މަސައްކަތުގައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ.
ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން 20 މެންބަރުން ހިމެނޭ ޓީމެއް ދެ ދަންފަޅިއަކަށް ބަހާލައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެއް ޓީމް ހަވީރު 4 އިން 6 އަށް ޒިޔާރަތް ކުރާ އިރު، ދެވަނަ ޓީމް ރޭގަނޑު 7 އިން 9 އަށް އެ ފެސިލިޓީއަށް ޒިޔާރަތް ކުރެއެވެ.
މި ޓީމުތަކުގެ އެއްވެސް މެންބަރަކު މިވަގުތު ޕޮޒިޓިވްވެ އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ނެތް ކަމަށް އަކްރަމް ފާހަގަ ކުރެއްވިއެވެ. މި ޓީމްގެ 50 ޕަސެންޓް މުޒައްޒަފުންނަކީ ކުރިން ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން ކަމަށާއި އެ ފެސިލިޓީއަށް ވަންނަ އިރު މުވައްޒަފުން ތިބޭނީ ޕީޕީއީ ސޫޓުގައި ކަމަށާއި، އަދި އަމަލު ކުރަމުން ދާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ސައިކޮލޮޖިކަލް ސަޕޯޓް ދެމުންދާ ގޮތް ހާމަ ކުރައްވަމުން އަކްރަމް ވިދާޅުވީ، އިސްކަން ދެނީ ބަލި މީހުންގެ ތެރެއިން ހާއްސަ ފަރުވާއެއް ދޭން ޖެހޭ ބަލި މީހުންނަށް ތިބި ނަމަ އެބަޔަކަށް ކަމަށެވެ. އެފަދަ ހާލަތެއް ނެތް ނަމަ އެތަނުގައި ތިބޭ ހުރިހާ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކޮށް ޝަކުވާތައް އަޑުއަހާ އެމީހުންނަށް ބޭނުންވާ ނަފްސާނީ އެހީ ދެމުން ދާ ކަމަށެވެ.
ލޮކްޑައުންއަށް ފަހު ދެވަނަ ސާޖެއް އައި އިރު މި ޓީމު ޒިޔާރަތް ކުރަމުން ދިޔައީ ހަފްތާއަކު ދެފަހަރުއެވެ. ނަމަވެސް ފަހުން ކޭސްތައް މަދުވުމުން ހަފްތާއަކު އެއްފަހަރު ފެސިލިޓީއަށް ދާ ގޮތަށް ހަމަޖެއްސި ނަމަވެސް މިހާރު ކޭސްތައް އިތުރުވެ ފެސިލިޓީގެ އެނދުތައް ފުރުމާ ގާތަށް ދިއުމުން ކޮންމެ ދުވަހަކު ދާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެ ގޮތުން މި ބަދަލު ގެނެސް ކޮންމެ ދުވަހަކު ދާން ފެށީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ ދެ ބްލޮކް އެ ފެސިލިޓީގައި ހުރި އިރު "އޭ ބްލޮކް" އާއި "ބީ ބްލޮކް" އަށް ވެސް މި ޓީމުން އަންނަނީ ކޮންމެ ދުވަހަކު ޒިޔާރަތް ކުރަމުންނެވެ. މި ދެ ބްލޮކްގެ ތެރެއިން އެންމެ ބާރުބޮޑުވަނީ "ބީ ބްލޮކް" ކަމަށާއި އެ ބްލޮކްގައި ތިބޭ ބަލި މީހުންގެ ފަރާތުން "އެންޒައިޓީ" އާއި "ޕެނިކް" ވުމުގެ އަލާމާތްތައް ފެންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެ މީހުންނަށް ބްރީތިން އެކްސަސައިޒް (ނޭވާ ލުމުގެ ކަސްރަތު) ގެ އިތުރުން ހާސްވުން ދުރުކުރަން ކުރެވޭނެ ކަންކަން ކިޔައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭ ބްލޮކް" ހުންނަ ބައިގެ އެންމެ ތިރީ ބައި ހާއްސަކޮށްފައި ވަނީ އައިސީޔޫއެއްގެ ގޮތުގައި ބޭނުން ކުރާށެވެ. "ބީ ބްލޮކް" އަކީ އެ ފެސިލިޓީއަށް ފަރުވާ ހޯދުމަށް ގެންދާ މީހަކު އެންމެ ފުރަތަމަ އެޑްމިތް ކުރާ ބްލޮކެވެ.
މީހުން ގިނަ ވުމުގެ ސަބަބުން އެ ތަނުގައި އެހީތެރިއެއް ގޮތުގައި ކޮންމެ މީހަކަށް މީހަކު ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް ބަލި ހާލަތު ގޯސްވެ އެކަނިމާ އެކަނި ކަންކަން ނުކުރެވޭ ބަލި މީހުންނަށް އެޓެންޑްވާނެ މީހަކު ނެތުމުގެ މައްސަލަތައް އައިސްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެޗްއެފްއެމްގެ މެނޭޖްމަންޓްގެ ސަމާލުކަމަށް އެކަންކަން ގެނެސްފައިވާނެ ކަމަށާއި އެފަދަ މީހުންނާ އެކު އެހީތެރިއަކު ހުރުމަށް އަންގާފައި ވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ގިނަ ބަލި މީހުން އެ ތަނުގައި ދެމުންދާ ހިދުމަތްތަކާ މެދު އަބަދުވެސް ހިތްހަމަޖެހޭ ކަމަށް ބުނާ ކަމަށް އަކްރަމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބައެއް ފަހަރު ޝަކުވާއެއްގެ ގޮތުގައި އަބަދު އެކައްޗެއް ކާން ލިބުމާއި އަދި އެތަނުގައި އެޑްމިނިސްޓްރޭޓިވް ބައެއް މަސައްކަތް ލަސް ވުން ފަދަ ޝަކުވާތައް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގެ އެންމެ ފަހުގެ މައުލޫމާތު
- ބެޑް ކެޕޭސިޓީ: 274 އެނދާއި 3 ޑައިލިސިސް އެނދު
- މިވަގުތު ބަލި މީހުން އެންދުމަތި ކުރެވިފައި ވަނީ: 218 އެނދު
- ނަރުހުންގެ އަދަދު: 116
- އެޓެންޑެންޓުންގެ އަދަދު: 52
- ވޮލަންޓިއަރުންގެ އަދަދު: 50
މިވަގުތު އެ މިނިސްޓްރީން މި ހިދުމަތް ދެމުން ދަނީ ހަމައެކަނި ހުޅުމާލެ ފެސިލިޓީއަށް ނޫން ކަމަށާއި ކޮވިޑް ބަލި ފެތުރޭތީ މޮނިޓަރިންއަށް ލާ ރަށްރަށުގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓްތަކެއް ހަދައި ހާލުގައި އުޅޭ ފަރާތްތަކަށް ކެއާ ޕެކޭޖްތައް ފޯރުކޮށް ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ހާއްސަ ކަމެއް ދެނީ ނުކުޅެދޭ ފަރާތްތަކާއި ބަލިވެ އެނދުމަތީގައި ތިބެންޖެހޭ ފަރާތްތަކާއި އެކަނިވެރި މައިން ފަދަ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނު ތާ މިއަދާ ހަމައަށް 444 ދުވަސް ވެފައިވާ އިރު މި ދުވަސްވަރަކީ ރާއްޖޭގެ ކޮވިޑް ހާލަތު އެންމެ ގޯސްވެފައި ވާ ދުވަސްވަރެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވެ ރިޕޯޓް ކުރާ އަދަދުތައް އުޅެނީ 1000 އާއި 2000 އާ ދެމެދުގައެވެ. އަދި ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވެސް އިތުރުވަމުންނެވެ. އެ ގޮތުން މި ވޭތުވެ ދިޔަ ހަފްތާގެ ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ.
ބަލަ މުނިފޫހި ފިލުވަން އެތަނުގައި ގުރުއާން ކިޔަވަބަލަ.