ރާއްޖޭގައި ކޮވިޑް ބަލި ފެތުރެން ފެށުމާއެކު އައިޖީއެމްއެޗުގެ ބެލުމުގެ ދަށުން ހިންގަމުން ދާ ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި ފަރުވާދެމުން އަންނަ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ފެސިލިޓީއަށް ކޮންމެ ދުވަހަކު ޒިޔާރާތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން މި ގޮތަށް ހަމަޖެއްސި ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ދިނީ، މިއަދު 'ދަ ޕްރެސް' އިން ގެނެސްދިން ރިޕޯޓެއްގައި އެތަނުގައި ތިބި ބައެއް ދުވަސްވީ ބަލި މީހުންގެ ހާލަތާއި ބަލި މީހުންނަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެންނެވެ.

އެ މިނިސްޓްރީން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގަައި ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައި ތިބި އިރު، އެ މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން ކޮންމެ ދުވަހަކު ފެސިލިޓީއަށް ޒިޔާރާތް ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ޖެންޑާގެ ފަރާތުން ސޯޝަލް އެންގޭޖްމަންޓް ޓީމް އެ ފެސިލިޓީއަށް ޒިޔާރަތް ކުރަމުން ދިޔައީ ހަފްތާއަކު އެއް ފަހަރުއެވެ. އެ ޓީމުން ބަލި މީހުންނާ ބައްދަލުކޮށް، އެ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޮރުކޮށް ދެއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގެ ހުރިހާ އެނދެއް ފުރިގައި ވާ އިރު އެތަނުގައި ގިނަ އަަދދެއްގެ އުމުރުން ދުވަސްވީ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެތެރެއިން ބައެއް މީހުންނަށް ދަނީ އައިސީޔޫއާއި ވެންޓިލޭޓަރުގައި ވެސް ފަރުވާ ދެމުންނެވެ. މިހާރުވެސް އެ ފެސިލިޓީގައި އަމިއްލައަށް ކަންކަން ކުރެވޭ ވަރު ނެތް އުމުރުން ދުވަސްވީ ހައެއްކަ މީހުން އެބަ ތިއްބެއެވެ.

ކޮވިޑް ބަލީގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. ނަފްސާނީ ފަރުވާ ބޭނުންވާ ޒުވާނުންނާއި ސިއްހީ އެހީތެރިންވެސް ގިނައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަނީ 1000 އާ ގާތްކޮށްފައެވެ. އިއްޔެ އެޗްއީއޯސީން ހާމަ ކުރި ތަފާސް ހިސާބުންވެސް އިއްޔެ އެކަނި 691 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 20،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް ހުރި އިރު މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ 280 މީހުން އެބަ ތިއްބެވެ.