11 ދުވަހަށް ދެމިގެން ދިޔަ ހަމަލާ ބަދަލު ކުރުންތައް ހުއްޓާލުމަށް އިޒްރޭލާއި ގައްޒާއިން އެއްބަސްވުމަކަށް އައިސްފައި ވަނިކޮށް، އިޒްރޭލުން އަނެއްކާވެސް އަގްސޯ މިސްކިތުގެ ގޯތި ތެރޭގައި ބާރުގެ ބޭނުން ކޮށްފައި ވާކަމަށް ހަބަރު ލިބިއްޖެއެވެ.

މިއަދުގެ ހުކުރު ނަމާދަށް ފަހު އިޒްރޭލުން އަގްސޯ މިސްކިތުގެ ގޯތި ތެރެއަށް ގަދަކަމުން ވަދެގަނެ، ކަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހުކުރު ނަމާދަށް ފަހު ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު މިސްކިތުގެ ގޯތި ތެރޭގައި މަޑުކޮށްގެން ތިބި ކަމަށެވެ. އެމީހުން ގޯތި ތެރޭގައި މަޑުކޮށްގެން ތިބީ، ގައްޒާ ކޯންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތާ، އިޒްރޭލުގެ ސަރުކާރާ ދެމެދު ވެފައިވާ، ހަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމާ ގުޅިގެން އުފާ ފާޅު ކުރުމަށް ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.

އިޒްރޭލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްއިން ރިޕޯޓް ކުރަމުން އަންނަ އަލް-ޖަޒީރާގެ އިމްރާން ހާން ބުނާ ގޮތުގައި، އަގްސޯ މިސްކިތުގެ ގޯތި ތެރެއަށް ވަދެގަތް އިޒްރޭލުގެ ފުލުހުން ވަނީ ސްޓަންގްރެނޭޑްގެ އިތުރުން ދުން ބޮމުގެ ބާރުގެ ބޭނުންވެސް ކޮށްފައެވެ.

ކަން މިހެން އޮތް އިރު، އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ، ހަމަލާ ބަދަލު ކުރުން މަނާ ކުރާ އެއްބަސްވުމަށް ފަހުގައި ހަމާސްއިން ދޭ ރޮކެޓް ހަމަލާއެއްގެ ބަދަލުގައި، އާ ބާރާއެކު ރައްދު ހަމަލާ ދޭނެ ކަމަށް އިންޒާރު ކޮށްފައެވެ.