ޕީއެންސީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދެ ކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އަދުރޭ އަދި އަނބިކަނބަލުން ދިޔާނާ ހުސެއިން ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މިހާރު އެ ދެބޭފުޅުން ގެންދަވަނީ އެ ބަޔަށް ފަރުވާ ހޯއްދަވަމުން ކަމަށާއި ގޭގައި ތިއްބަވައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އަދުރޭގެ ދެކަނބަލުންގެ ހާލު ވެސް ރަނގަޅު ކަމަށް ހީނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭ އަކީ ކޮވިޑް-19ގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ބޭފުޅެކެވެ. ސަބަބަކީ އަދުރޭއަކީ ހިތުގެ މައްސަލައެއްގައި ޕޭސް މޭކަރެއް ލައްވާފައިވާ ބޭފުޅަކަށް ވާތީއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ ބައިލައްކައަށް ވުރެ އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 2194 ކޭސް ވަނީ ޕޮޒިޓިވް ވެފައެވެ.