ދާދިފަހުން އިންޑިއާއަށް ކުރިމަތިވި ތުފާން ތައުކްޓޭގައި، މުމްބާއީގެ ރަށްބޭރުން ހާލުގައި ޖެހުނު ޕަޕާ ބާޖު (ޕީ-305) އިން މަރުވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުންބާއީގެ 70 ކިލޯމީޓާރު ބޭރަށް ފެތިފައިވާ ބާޖުން ގެއްލިފައިވާ 26 މީހަކު ހޯދުމުގެ މަސައްކަތް، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން އަދިވެސް ކުރިއަށް ގެންދާ ކަމަށް ހަބަރު ލިބެއެވެ. މީހުން ހޯދުމުގެ މަސައްކަތުގައި، ވައިގެ މަގުންވެސް އޮޕަރޭޝަން ހިންގަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

261 މީހަކު ތިބި ބާޖުން، 186 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

ޕީ-305 ބާޖުން މަރުވި މީހެއްގެ އާއިލާ މެންބަރަކު ބުނި ގޮތުގައި، ތޫފާނުގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށް ބާޖުގެ ބޮޑު މީހާ ޔަގީންކަން ދީފައިވެއެވެ. ނަމަވެސް ތޫފާނުގައި ޖެހި، ބާޖު ފެތެން ފެށުމުން، ލައިފްޖެކެޓަކާވެސް ނުލާ އެމީހާ ކަނޑަށް ފުންމާލި ކަމަށް، ހާދިސާއިން ސަލާމަތްވި މީހުން ވަނީ ކިޔައިދީފައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނީ، ބާޖުން ސަލާމަތް ކުރި މީހުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކަށި ވެފައި ވާ ކަމަށެވެ. އަދި ގެއަށް ދޫކޮށްލުމުގެ ކުރިން، ކައުންސިލިންގް ދޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުން ސަލާމަތް ކޮށްގެން، މުންބާއީއަށް ގެނައި ކްރޫ މެންބަރުން ވަނީ ކަރަންޓީނު ކޮށްފައެވެ.

ބާޖާއެކު ދަތުރު ކުރަމުން ދިޔަ ޓަގުގެ ކުރޫއިންވެސް ވަނީ ގެއްލިފައެވެ.