ގއ. ކަނޑުހުޅުދޫގައި 12 އަހަރުގެ ކުއްޖެއްގެ ކަންފަތުގައި ބޮޑު މީހަކު ހިފައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކުއްޖާގެ ކަންފަތުގައި ހިފައި އަނިޔާދިން މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންތައްތައް ބަލާ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ރަސްމީ އިދާރައަކުން މިހާތަނަށް ލިބިފައި ނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަންފަތުގައި ހިފައި އަނިޔާކުރުމުގެ ސަބަބުން ކުއްޖާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އެގޮތުން ކަންފަތުގައި ހިފިލެއް ބާރު ކަމުން ކުއްޖާގެ ކަންފަތުން ލޭ އައުން މަނާ ނުވާ ކަމަަށާއި ކުއްޖާއަށް ފަރުވާ ދިނުމަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިފަދަ މައްސަލައެެއް ފެންމަތި ވެފައި ވާއިރު މިދިޔަ އަހަރު އެ ރަށުގައި ވަނީ ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވި ހާދިސާއެއްވެސް ހިނގާފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ކުރީކޮޅު އެ ރަށުގައި 2 އަހަރުގެ އަންހެން ކުއްޖަކަށް އާއިލާގެ ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ގިނަ ބައަކަށް ސިހުން ލިބިގެން ދިޔަ ވާހަކައެކެވެ. އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފައާއި މުނި ކާފައަށް ތުހުމަތު ކުރެވޭ އިރު ކުއްޖާގެ މަންމައާއި ބައްޕައަށް ވަނީ އިހުމާލުވުމުގެ ތުހުމަތެވެ.