ފާއިތުވީ ދޮޅު ހަފުތާއެއްހާ ދުވަހު، މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން ދާ އެއް ހަބަރަކީ އިޒްރޭލުން ގައްޒާއަށް ދެމުންދާ އުދުވާންތަކުގެ ވާހަކައެވެ. މީޑިއާގެ ސުރުހީއަކަށް ވުރެ ބޮޑަށް، މި ހަބަރުތަކަކީ، އިންސާނިއްޔަތުގެ ކަމުގެ ވިންދު ޖަހާ ކޮންމެ ހިތެއްގެ އެންމެ ހިމަ ނާރުތަކަށްވެސް ފުން އަސަރެއް ކުރުވާ ހަބަރުތަކަކަށް ވަނީ ވެފައެވެ. އުދުވާންތަކަށް ހުއްޓުމެއް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައްޒާއިން އިޝާރާތް ކޮށްފައި ވަނިކޮށް، ދެން ވެސް ލިބުނީ އެފަދަ ހިތްދަތި ހަބަރެކެވެ.

އިޒްރޭލުގެ މިފަހަރުގެ އުދުވާންތަކުގައި މި ދުނިޔެއާ ވަކިވެގެން ދިޔައީ ނުކުޅެދޭ ބައްޕައަކާ، އޭނާގެ ދަރިއަކަށް ބަލިވެން އިން އަނބިމީހާއާ، އަންހެން ދަރިފުޅެވެ.

އުމުރުން 33 އަހަރުގެ އިޔާދު ސަލްހާއާއި އޭނާގެ އަންހެނުން އަމާނީ އަދި ދަރިފުޅު ނަގަމް ތައްޔާރު ވަމުން ދިޔައީ މެންދުރުގެ ކެއުމަށެވެ. އިޒްރޭލުގެ މިސައިލް ދިޔައީ، އެ އާއިލާ ދިރިއުޅެމުން ދިޔަ ދީރް އަލް-ބަލާ ފްލެޓްގެ ފާރުތައް ފޫ އަޅުވާ، އެ ފްލެޓްގެ 3 ކޮޓަރިވެސް ސުންނާފަތިކޮށްލާފައެވެ.

ގައްޒާއަށް އަމާޒުކޮށް ޔަހޫދީ އިޒްރޭލުން ބޮން އަޅާފައި / ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް

މީޑިއާއާ ވާހަކަ ދެއްކީ، މޯގްގައި ހުރި އުމަރު ސަލްހާއެވެ. އެއީ އިޔާޑުގެ ކޮއްކޮއެވެ. އުމަރު ކިޔައިދިން ގޮތުގައި، އޭނާގެ ބޭބެ އިޔާދަށް ހިނގާބިނގާވެ ނުއުޅެވޭތާ މިހާރު 14 އަހަރުވެއްޖެއެވެ. އަދި އޭނާގެ ބޭބެއަކީ ހަނގުރާމަވެރިއެއް ނޫން ކަމަށްވެސް އިޔާދު ބުނެއެވެ.

"ބޭބެ ކީއްކުރީ؟ ބޭބެ ހަމައެކަނި ފުރޮޅުލީ ގޮނޑީގައި އިށީނދެލައިގެން އިންކަން. ބޭބެގެ ދަރިފުޅު ކީއްކުރީ؟ އަންހެނުން ކީއްކުރީ؟" އިޒްރޭލުގެ ހަމަލާ އަމާޒުވިއިރު، އަވަށްޓެރިއެއްގެ ގޭގައި ހުރި އުމަރު، ސުވާލު ކުރަމުން ދިޔައެވެ.

އިޒްރޭލުގެ އުދުވާންތަކުގައި މަރާލި އިޔާދު ސަލްހާ ކޮއްކޮ، އުމަރު ސަލްހާ (ވ) ރޮނީ / ފޮޓޯ: އަލްޖަޒީރާ

އުމަރު ބުނި ގޮތުގައި އޭނާގެ ބޭބެއަކީ ވަޒީފާއެއްވެސް ނެތް މީހެކެވެ. އަދި އިޔާދަކީ އޭނާގެ މަންމައާއި 3 ބޭބެއާއެކު އެޕާޓްމަންޓް ހިއްސާ ކުރަމުން ދިޔަ މީހެއް ކަމަށްވެއެވެ.

އިންތިހާ ބިކަ ހާލުގައި ޖެހިފައިވާ ގައްޒާގެ ގިނަ މީހުންނެކޭ އެއްފަދައިން މި އާއިލާވެސް ދިރިއުޅުމުގެ ބޮޑު ބައެއް ބަރޯސާވެފައި ވަނީ، އދއިން ފޯރުކޮށްދޭ އެހީއަށެވެ.

އިޒްރޭލުގެ ހަމަލާ އަމާޒުވުމުގެ 2 ދުވަސް ކުރިން، އިޔާދުގެ މަންމަވެސް ވަނީ އެގެއިން އެހެން ތަނަކަށް ބަދަލުވެފައެވެ. މަންމަ ބަދަލުވީ އެ މަންމަގެ އަޚެއްގެ ގެއަށެވެ. އެއީ އިޒްރޭލުން ދޭ ހަމަލާތަކުން ސަލާމަތް ހޯދިދާނެ ގެއެއް ކަމަށް ބަލައިގެންނެވެ.

އިޒްރޭލުން ގައްޒާއަށް ދޭ އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ސަރަހައްދެއް / ފޮޓޯ: އަލްޖަޒީރާ

އިޔާދު ސަލްހާގެ ދެމަފިރިންނާ ދަރިފުޅު މަރުވުމާ ގުޅިގެން، ގައްޒާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ވިދާޅުވީ، އަމިއްލަ ގެދޮރުގައި ތިއްބާ، މައުސޫމު ބަޔަކު މަރާލުމަކީ ޖަރީމާއެއް ކަމަށެވެ. އަދި ދުނިޔެއަށް "އެއްޗެއް ވިސްނޭނީ" މިފަދަ ކިތައް މަރާއެކުގައި ތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

އިޒްރޭލުން ބުނަމުން ދަނީ އަސްކަރީ އަމާޒުތަކަށް ފޮނުވާލާ ހަމަލާތަކުގައި ލިބޭ އެހެން ގެއްލުންތައް ކުޑަ ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ގައްޒާއިން އާންމުން މަރުވުމުގެ ފަހަތުގައި، ގައްޒާ ތެރެއިން ފޮނުވާ ހަމަލާތައް ކަސިޔާރު ވުންވެސް ހިމެނޭ ކަމަށެވެ.