ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިއަދު ހުޅުމާލެގައި ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިއަދު ހުޅުމާލެއިން ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަ އެއް ނުކުރެއެވެ.
މާލޭގައި މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން ޓެރަރިޒަމް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ކުރިއަށް އެބަ ގެންދެއެވެ. އެގޮތުން ބ. ދަރަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މީހަކު ހައްޔަރު ކޮށްފައެވެ.
އެއީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު (23އ) އެވެ. އޭނާ އަކީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ހިމެނޭ ބައިވެރިއެއް ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ.
ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަދުހަމް އަކީ މި ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްކަމަށް ފުލުހުން ބުނެއެވެ. އޭނާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ހުޅުމާލޭގައި ހުންނަ ފްލެޓުންނެވެ. އޭނާ ހައްޔަރު ކުރަން ދިޔަ އިރު ސިފަ ބަދަލު ކުރުމަށް މަސައްކަތް ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ގޮތުން ބޯ ތުނިކޮށް ތުނބުޅި ބާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ހަފްތާ ތެރޭގައި އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 9 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.