ޔަހޫދީ އިޒްރޭލާއި ފަލަސްތީނުގެ ގައްޒާއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް، ކުރިއަށް އޮތް ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ތެރޭގައި ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ.

ކަން މިހެން އޮތް ނަމަވެސް، އިޒްރޭލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ، އިޒްރޭލުގެ ރައްޔިތުންނަށް ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރު ވަންދެން، ހަމަލާތައް ކުރިއަށް ދާނެ ކަމަށް އިޝާރާތް ކޮށްފައެވެ.

އިޒްރޭލާއި ގައްޒާއާ ދެމެދު މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކަކީ، އިރުމަތީ ގުދުސްގައި މުސްލިމުންނާއި ޔަހޫދީންނާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން ފެށުނު ހަމަނުޖެހުންތަކެކެވެ.

އިޒްރޭލުން ގައްޒާއަށް ދޭ އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ސަރަހައްދެއް / ފޮޓޯ: އަލްޖަޒީރާ

އިޒްރޭލާއި ގައްޒާއާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނުން 227 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މީގެ ތެރޭގައި 100 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ނަމަވެސް އިޒްރޭލުން ބުނަމުން ދަނީ 150 ހަނގުރާމަވެރިއަކު މަރާލާފައި ވާނެ ކަމަށެވެ. އިޒްރޭލުގެ އުދުވާންތަކުގައި މަރުވާ ހަނގުރާމަވެރިންގެ އަދަދެއް، ގައްޒާއިން ހާމައެއް ނުކުރެއެވެ.

ލުބްނާންގެ އަލް-މަޔާދީން ޓީވީއަށް ދިން އިންޓަވިއުއެއްގައި، ހަމާސްގެ ސިޔާސ އޮފިޝަލެއް ކަމަށްވާ މޫސާ އަބޫ މަރްޒޫގު ބުނީ، ހަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ވާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. ހަމަލާ ބަދަލު ކުރުމުގެ އެއްބަސްވުމަކީ، ދެ ފަރާތުންވެސް ރުހޭ އެއްބަސްވުމަކަށް ވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިސްރުގެ ސަލާމަތާ ބެހޭ މަސްދަރަކުންވެސް ވަނީ، ހަމަލާ ބަދަލު ކުރުމުގެ އެއްބަސްވުމަކަށް އިޒްރޭލާއި ގައްޒާއިން ރުހޭ ކަމުގެ ސިގުނަލްތަކެއް ލިބޭ ކަމަށް އިޝާރާތް ކޮށްފައެވެ. ނަމަވެސް، މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް މިސްރުން ބުނެއެވެ.

އިޒްރޭލުގެ އުދުވާންތަކުގައި، ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ ހިންގާ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ / ފޮޓޯ: އަލްޖަޒީރާ

އިޒްރޭލާއި ފަލަސްތީނާ ދެމެދު ބަދަލު ކުރަމުން ދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލުމަށް އދގެ ސަލާމަތީ މަޖިލީސް މެދުވެރިކޮށް، ފަރަންސޭސިވިލާތުން ކުރި މަސައްކަތަށް އެމެރިކާއިން ވަނީ ހުރަސް އަޅާފައެވެ. އެމެރިކާއިން މިކަމަށް ހުރަސް އެޅީ، މިފަދަ ކަމެއްގެ ސަބަބުން މަސްރަހު ފިނި ކުރުމުގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށް ބުނެ، އުޒުރު ދައްކަމުންނެވެ.

ކަން މިހެން އޮތް އިރު، އިޒްރޭލުން މިއަދު ފަތިހުވެސް ވަނީ ފަލަސްތިނަށް ވައިގެ މަގުން ހަމަލާ ދީފައެވެ. ފަތިހުގެ ހަމަލާތަކުގައި ދެ ގެއެއް ސުންނާފަތި ކޮށްލާފައި ވާކަމަށް މައުލުމާތު ލިބޭ އިރު، އިޒްރޭލުން ބުނަމުން ދަނީ، ހަމަލާ ދީފައި ވަނީ، މަލްޓި-ބެރަލް ރޮކެޓް ލޯންޗް ސައިޓްތަކަކަށް ކަމަށެވެ.