ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދާތީ އަވައްޓެރި ސްރީލަންކާގެ ބޯޑަރު 10 ދުވަހަށް ބަންދު ކޮށްފިއެވެ.

އެ ގައުމުން އެޅި ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާއަށް ކުރާ ދަތުރުތަކާ ގުޅިގެން ދިވެހިން ސަމާލުވުމަށް ބުނެފައެވެ. އެގޮތުން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ފަރާތަކަށް ސްރީލަންކާއަށް އެތެރެ ނުވެވޭގޮތަށް އެގައުމުގު ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ނަމަވެސް ސްރީލަންކާ އިން އެހެން ގައުމުތަކަށް ދަތުރު ކުރެވޭނެ ކަމަށް ފްރިން މިނިސްޓްރީން ބުނެއެވެ.

ސްރީލަންކާގެ ބޯޑަރުތައް 10 ދުވަހަށް ބަންދުކޮށްފައިވާ އިރު އެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. ބޭސްފަރުވާ އަށާއި މަތީ ތައުލީމް ހޯދުމަށް ވެސް އެ ގައުމަށް ގިނަ ދިވެހިން ތަކެއް ދަތުރު ކުރާއިރު އެ ގައުމަކީ ގިނަ ވިޔަފާރި ވެރިން ވެސް ދަތުރު ކުރާ ގައުމެކެވެ.

ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ސްރީލަންކާގައި މިހާތަނަށް 148،000 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މިވަގުތު ބަލީގައި 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.