މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޔޫކޭގެ ރައްޔިތެއް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް ވަނީ ހަމަޖައްސަވާފައި ކަމަށެވެ. އަދި މި ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި މައްސަލައިގައި އިންސާފު ގާއިމު ކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފާ އަދި އިރުޝާދު ދެއްވާނީ މި މަންދޫބް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމައެއާއެކު މި މައްސަލައާ ގުޅިގެން ތައްޔާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރު ކުރައްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އައްބާސް ފާއިޒް މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަދި، މިހާރުން ފެށިގެން މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި، ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މި މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާ ކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ. އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރި އެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ.

މީގެ އިތުރުން އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގައި ފާއިތުވި ތިން އަހަރު ގާނޫނީ އިލްމުގެ ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.