ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝްގެ މީހަކު މަރައިލި މައްސަލައިގައި ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތް ކުރި މުހައްމަދު ޝާހީނަށް ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި، މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުވާކޮށް، މި މަހުގެ ފަސް ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދުގެ މައްޗަށް ދައުވާކުރަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ދޯނި ތ. ގުރައިދޫ ކައިރީގައި އޮއްވައި ހިނގި އެ ހަމަނުޖެހުމުގައި ޒަހަމްވި މީހާ ފަރުވާއަށް އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށެވެ. ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އެ ދުވަހުގެ މެންދުރު 12 ޖަހަނިކޮށެވެ. އެ ހާދިސާ ހިންގި އިރު ދޯނީގައި ތިބި 12 މީހުންގެ ތެރެއިން އަށް މީހުންނަކީ ބިދޭސީންނެވެ.