ފަލަސްތީނަށް ތާއީދުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓް ކުރުމުގައި އެ ކުންފުނީގެ ސީއީއޯއާ އެއްވެސް ގުޅުމެއް ނުވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ޓްވީޓު ނެގީ އެމްއޭސީއެލް ފަދަ ކުންފުންޏަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރާ އިރު، ސެންސިޓައިޒް ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އަދި އެ ޓްވީޓު ޑިލީޓް ކުރުމުގައި ސީއީއޯގެ އެއްވެސް އިރުޝާދެއް ނުވަތަ ބައިވެރިވުމެއް ނެތް ކަމަށާއި އެއީ ސީއީއޯއާ އެއްވެސް ގުޅުމެއްވެސް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއީއޯއާ މިކަމުގަ އެއްވެސް ގޮތަކަށް ގުޅުމެއް ނެތް، އަދި އޭނަ ބުނެގެންނެއްވެސް ނޫން، އޭތި ރިމޫވްކުރީ އަސްލު އޭގެ ލިޔާ ޕޯސްޓްގަ ޖަހަންވެގެން، އޭރު ދެން އެ ނުޖެހުނީ، ހިޔެއް ނުކުރަން މިވަރު ކޮށްލަފާނެ ކަމަކަށް
އަރީފު

އެމްއޭސީއެލުން ކުރި ޓްވީޓު ޑިލީޓް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ ކުންފުނިން އަލުން ޓްވީޓް ކުރިއެވެ. ނަމަވެސް ފަހުން ކުރި ޓްވީޓަށް ގެނެސްފައިވާ ބަދަލަކީ ކުރީގެ ޓްވީޓުގައި އޮތް "ހޭޝް ޓެގް ފްރީ ފަލަސްތީން" އުނިކުރުމެވެ.

ފުރަތަމަ ޕޯސްޓް ޑިލީޓް ކުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން އެ ކުންފުނިން ކުރީ، ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓް ވިދާޅުވެގެން ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. ސަރުކާރުން ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެފައި ވާއިރު، ސަރުކާރުގެ ކުންފުންޏަކުން އެފަދަ ޕޯސްޓެއް ކޮށް ޑިލީޓު ކޮށްގެން ނުވާނެ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.

އެމްއޭސީއެލް ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނަވަނީ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. އޭނާގެ އިތުރުންވެސް ބޭރުގެ މީހުން އެމްއޭސީއެލްގެ ބައެއް އިސް މަގާމުތަކަށް ވަނީ މި ފަހުން ވަނީ ލާފައެވެ.