މުޅި ދުނިޔެ ސިއްސުވާލާ ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓް ކުރަމުން ދިޔަ އިންޑިއާއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، ޖުމުލަ އާބާދީގެ އެންމެ 2 ޕަސެންޓް މީހުން ކަމަށް އިންޑިއާ ސަރުކާރުން "ފަހްރުވެރިވެއްޖެއެވެ".

އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އާބާދީގެ އެންމެ 2 ޕަސެންޓް މީހުން ކަން ފާހަގަކޮށް، އިންޑިއާ ސަރުކާރުން ބުނީ، މިއީ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ކާމިޔާބު ކަން ކަމަށެވެ. ހަމަ މިފަދައިން، އިންޑިއާ ސަރުކާރުން ވަނީ، އެހެން ގައުމުތަކުގެ އާބާދީގެ ބޮޑު އިންސައްތައަކަށް ކޮވިޑް ޖެހުނު ކަން ފާހަގަ ކޮށްފައެވެ.

ކަން މިހެން އޮތް އިރު، އާބާދީގެ 98 ޕަސެންޓަށް އަދިވެސް ކޮވިޑްގެ ނުރައްކާ ބޮޑު ކަމަށާ، މިއީ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭ ސަބަބެއް ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.

މިހާތަނަށް ލިބިފައިވާ "ރަސްމީ" އަދަދުތަކުގެ މައްޗަށް ބިނާކޮށް، އިންޑިއާއިން ކޮވިޑް ޖެހުނީ އާބާދީގެ އެންމެ 2 ޕަސެންޓަށް ކަމަށް އިންޑިއާގެ ސަރުކަރުން ބުނާއިރު، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ހޯދުންތަކުން ދައްކާ ގޮތުގައި އެ ގައުމުގެ 18 އަހަރުން މަތީގެ އާބާދީގެ 21.4 ޕަސެންޓް މީހުން ވަނީ ބައްޔަށް ހުށަހެޅިފައެވެ.

ކޮވިޑް ޖެހިގެން މަރުވި ކަމަށް ބެލެވޭ މީހުންގެ ގަބުރުތަކެއް އިންޑިއާގެ ގަންގާ ކޯރުގެ އައްސޭރިއަށް ދަނީ ލައްގަމުން / ފައިލް ފޮޓޯ: އަލްއެރޭބިއާ

އިންޑިއާގައި ކުރިއަށް ގެންދިޔަ ސީރޯ-ސާވޭގެ ނަތީޖާއަށް ބަލާއިރު، އިންޑިއާގެ އާބާދީގެ 5 ބައިކުޅަ 1 ބައި މީހުން ވައިރަހަށް ހުށަހެޅިފައި އޮތް ކަމަށް ދެއްކި ދެއްކުމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ނުފެންނަ ކަމަށް ހަދާފައެވެ.

24 ގަޑިއިރުގެ ތެރޭގައި 4 ލައްކައަށްވުރެ މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރަމުން ދިޔަ އިންޑިއާއަށް ހިންދެމިލުމުގެ ކުޑަ ފުރުސަތެއް ލިބިފައި ވާ ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައެވެ. އެގޮތުން ކޭސް ނަންބަރުތައް ދަށަށްތާ 15 ވަރަކަށް ދުވަސް ވެފައި ވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް އެކަށީގެންވާ ޓެސްޓު ކުރުން ކުރިއަށް ގެންދާ ކަމާ މެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލްތަކުގެ އަދަދު ވަނީ 254951144 އަށް އަރާފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި މިހާތަނަށް، ޓެސްޓު ކޮށްފައި ވަނީ 318292881 ސާމްޕަލެވެ. މީގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ސާމްޕަލަށް ބަލާއިރު، އެއީ އާބާދީގެ ކޮންމެ 1 މިލިއަން މީހަކުން 18317 މީހުންނެވެ.