ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކުރެވޭ މީހަކު މާލެ އިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަރުކަށިފިކުރުގެ މީހުންގެ ތެރޭގައި މީހެއްގެ ފުރާނައެއް ނަގާލުމަށް ފަސްނުޖެހޭ އަދި މީހަކަށް ގޯނާއެއް ނުވަތަ އަނިޔާއެއް ކުރަން ފަސްނުޖެހޭ ފަރާތްތަކެއް ތިބިކަމަށެވެ. އަދި އެކަންކަން އެނގިވަޑައިގަންނަވާ ކަމަށާ އެކަންކަމަށް ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ.
ސީޕީ ވިދާޅުވެފައި ވަނީ ހަރުކަށިފިކުރުގެ އަމަލުތަކަށް މިއިން ދުވަހަކު ފިޔަވަޅު ނާޅާހާ ގިނައިން ފާއިތުވެ ދިޔަ 2 އަހަރުތެރޭ ފިޔަވަޅު އަޅާފައި ވާ ކަމަށާ، އޭގެތެރެއިން ބައެއް އަމަލުތަކަކީ ފިޔަވަޅު އެޅުމުގެ ސަބަބުން އެކަމުގެ ނަފްރަތުގައި ހިންގާފައިވާ އަމަލްތައް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި، ދައުލަތުގައި މިކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާ ތަކަކާ އެކު ގާނޫނުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތަކާ އަދި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރައްވާ ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
ހަރުކަށިފިކުރުގެ މީހުންގެ އަދަދު ރާއްޖޭގައި 1369 އަށް ވުރެ ބޮޑުތަނުން މިހާރު އިތުރުވެފައި ވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ވަރަށްވެސް އަވަސް ކުރަންޖޭ ކަމެއް ކަމަށާ، ޕޮލިސް ސާވިސްގެ ހިދުމަތް ފުޅާކޮށް މިކަމައިގެން ކުރިޔަށް ވަޑައިގަންނަވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.