ރާއްޖެ މިވަގުތު މިއޮތް ހާލަތަކީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދޭންޖެހޭ ވަގުތު ނޫން ކަމަށާއި މި ވަގުތަކީ އެންމެން އެއްގަލަކަށް އަރަންޖެހޭ ވަގުތު ކަމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ވިދާޅުވީ، މި ވަގުތަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވާ ދުވަސްވަރެއް ކަމަށެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ މި ދަނޑިވަޅުގައި އެެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލަން އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި މި ވަގުތަކީ އެންމެން ގައުމަށްޓަކާ އެއްގަލަކަށް އަރަންވީ ވަގުތު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫން މިހެން ވިދާޅުވީ، މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މަުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ގައުމު ހަލަބޮލިވެފައި ވާ ދަނޑިވަޅެއްގައެވެ. މި ވަގުތު ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށް، އިންޒާރު ދެމުންދާ ފަދަ މައްސަލަތައް އަންނަނީ ތިލަވަމުންނެވެ.

އެގޮތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ގިސާސް ހިފުމާ ބެހޭ ގޮތުން ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ ފޭސްބުކްގައި މީހަކު ވަނީ ޕޯސްޓެއް ކޮށްފައެވެ. ހަމައެއާއެކު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރަމެވެ. ބަހުސް ކުރިއަށް ދަނިކޮށް، ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހެ ތަނެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށެވެ.

މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން މަޖިލިސް ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ރާއްޖޭގައި މި ވަގުތު ހަލުވި ކަމާއެކު ކޮވިޑް ފެތިރެމުންދާ އިރު ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ކޭސްތައް ވެސް އަންނަނީ އިތުރު ވަމުންނެވެ. އަދި މި މަހުގެ ތެރޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ވެސް މި ވަނީ ރެކޯޑަކަށް ވެފައެވެ. މިވަގުތު މި ބަލީގައި އެތައް ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަަންނަނީ އަޅަމުންނެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ގިނަ ދަތިތައް ކުރިމަތިވެ، ވިޔަފާރިތަކަށް ވެސް ވަނީ ނޭދެވޭ އަސަރު ކުރަން ފަށާފައެވެ.