މަޖިލީހަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ދިން އިންޒާރާއެކު އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މަޖިލިސް އިދާރާއަށް ގެއްލުންދޭނެ ކަމަށް ބުނެ ލިބުނު އިންޒާރާ ގުޅިގެން އެ އިމާރާތާއި އިމާރާތުގެ ވަށައިގެން ވާ ސަރަަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ. އަދި މި ވަގުތުގެ ހާލަތަށް ބަލައި ސެކިއުރިޓީގެ ކަންކަން ދަނީ ދަމަހައްޓަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފިއެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރަމެވެ. ބަހުސް ކުރިއަށް ދަނިކޮށް، ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެފައެވެ. އަދި މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމެންޓް ކުރުމާ އެކު، މަޖިލީހުގެ އަމީންއާންމު އެކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި އަދި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު މި މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހަމަލާ ދޭނެ ކަމަށް މީހަކު ބުނެފައި ވާއިރު، މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވާ އިރު އެ ހާދިސާއިން ނަޝީދަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނު ވިލާތަށް އެމަނިކުފާނު ވަނީ ބޭސްފަރުވާއަށް ފުރާވަޑައިގެންފައެވެ.