މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި އަދި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ކޮށްފަިއވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު މި މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައަށް ބަހުސް ކުރަމެވެ. ބަހުސް ކުރިއަށް ދަނިކޮށް، ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހެ ތަނެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމެންޓް ކުރުމާ އެކު، މަޖިލީހުގެ އަމީންއާންމު އެކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ ފުލުހުން ތަހުގީގު ކުރަނީ / ފޮޓޯ: ޕޮލިސް

މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވާ އިރު އެ ހާދިސާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން މިހާރު ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ފުލުހުންނާއި ސިފައިންގެ އެލާޓް ލެވެލް މަތިކޮށް ޓެރަރިޒްމްއާ ގުޅިގެން އެކި ތަންތަން ބަލައި ފާސްކޮށް މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން ވަނީ އައްޑޫގައި ހިނގި އޮޕަރޭޝަންއެއްގައި 7 މީހަކު ހައްޔަރު ކޮށްފައެވެ.