ޔަހޫދީ އިސްރާއީލުގެ އުދުވާނީ ހަމަލާތައް ހަފުތާއަކަށް ދިގުލާ ގޮސް، މި ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ ރައީސް ޖޯ ބައިޑަން، މިކަމުގައި އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. އިސްރާއީލުގެ އުދުވާންތަކުގައި ފަލަސްތީނުގެ އެއް އާއިލާއަކުން 10 މެންބަރުން މަރާލުމާ، 11 ބުރީގެ ބޮޑު އިމާރާތެއް ބިމާ ހަމަކޮށްލި ދުވަސް ވެގެން ދިޔައީ، ޝައްކު ކުރާނެ ޖާގައެއް ނެތް މިންވަރަށް، އިސްރާއީލަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމަށް ބައިޑަން ވިދާޅުވި ދުވަހަށެވެ.
ތެދެކެވެ. މެދުއިރުމަތީގައި ހޫނުވަމުންދާ މަސްރަހު ފިނި ކުރަން ބައިޑަން ގޮވާލެއްވިއެވެ. ނަމަވެސް، އިސްރާއީލުގެ ރަހުމެއް ނެތް ގަތުލުއާންމު ކުށްވެރި ކުރައްވާ، އެންމެ ލަފުޒެއްވެސް ބައިޑަން ވިދާޅުވެފައެއް ނެތެވެ.
ކަންމިހެން އޮތްއިރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާތަކުން ދަނީ، ބައިޑަންގެ ސިޔާސަތުތަކާ މެދު ނުރުހުން ފާޅު ކުރަމުންނެވެ. ނަމަވެސް، ފާހަގަ ކުރަން ޖެހޭ ކަމަކީ، މިއީ ހަމަ އެކަނި ބައިޑަންއަށް ހާއްސަ ކަމެއް ނޫން ކަމެވެ. އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްގެ އެންމެ އިސް ގޮނޑި ފުރުއްވި ރައީސުންގެ ދިގު ތާރީހަށް ބަލާއިރުވެސް، ދެގޮތް ވެވަޑައިނުގެން އިސްރާއީލަށް ތާއީދު ކުރެއްވި ލީޑަރުންގެ ލިސްޓެއް ލިޔެވިދާނެއެވެ.
މެއި 2021
އިސްރާއީލާއި ފަލަސްތީނާ ދެމެދު މިހާރު ހިންގަމުންދާ ކުރިމަތިލުންތަކަށް ހަފުތާއެއް ވީއިރު، އެމެރިކާގެ ފުރިހަމަ ތާއީދު އިސްރާއީލަށް އޮތް ކަމަށް ވިދާޅުވެ، ބައިޑަން މިހާރު ވަނީ 2 ބަޔާނެއްގެ ދެއްވާފައެވެ.
އުޒުރެއް ކަމުގައި ވިދާޅުވަނީ، ގައްޒާއިން ފޮނުވާލާ ހަމަލާތަކުން ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށެވެ. ވީއިރު، ގައްޒާއިން އިސްރާއީލަށް ހަމަލާ ދޭން ޖެހުނު ސަބަބު، ބައިޑަންގެ ސަރުކާރަށް ނުފެންނަނީތޯ ސުވާލު ކުރަންޖެހެއެވެ.
އިސްރާއިލާއި ފަލަސްތީނާ ދެމެދު ހޫނުވެފައިވާ މަސްރަހަށް ފިނިކަމެއް ގެނެސް، ހައްލެއް ހޯދުމަށް އދގެ ސަލާމަތީ މަޖިލީހުން ކުރާ މަސައްކަތްތަކަށް ހުރަސް އަޅަނީވެސް އެމެރިކާއިންނެވެ.
މެއި 2018
އެމެރިކާގެ މަހުޖަނު ރައީސް ޑޮނާލްޑް ޓްރަމްޕަކީ، އިސްރާއީލާއި އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ވަރުގަދަ ސަޕޯޓަރެއް ކަން އޮޅޭނެ ޖާގައެއް ނެތެވެ. މެއި 2018ގައި ފަލަސްތީނުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ އެތައް ސަތޭކަ ބައިވެރިންނެއް އިސްރާއީލުން މަރާލި މައްސަލާގައި، އިސްރާއީލަށް ފާޑުކިއުންތައް އަމާޒު ކުރުމަށް ކުރި ހުރިހާ މަސައްކަތަކަށް ސީދާ ގޮތުން ހުރަސް އެޅުއްވީ ޓްރަމްޕްއެވެ.
"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ކުރިއަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް އިސްރާއީލުން އަސްކަރީ ބާރުގެ ބޭނުންކުރި މަންޒަރު، މުޅި ދުނިޔެއަށް ފެނުނެވެ. ޓްރަމްޕްގެ ސަރުކާރުން، މަރުގެ އިލްޒާމް އަމާޒު ކުރީ ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތަށެވެ. އަދި ދިފާއު ހޯދުމުގެ ހައްގު، އިސްރާއީލަށް އޮތް ކަމަށް ޓްރަމްޕްގެ ސަރުކާރުންވެސް ބުންޏެވެ.
އެ ދުވަސްވަރަކީ، ތެލް އަވީވްގައި ހުރި އެމެރިކާގެ އިސްރާއީލު އެމްބަސީ، ގުދުސްއަށް ބަދަލު ކުރި ދުވަސްވަރެވެ.
ޖުލައި-އޯގަސްޓް 2014
އެއްގަމު މަގުން ގައްޒާއަށް ވަދެގަތުމުގެ ކުރިން، ޖުލައި 2014 ގައި އިސްރާއީލުން ވަނީ 10 ދުވަސް ވަންދެން ގައްޒާއަށް ވައިގެ މަގުން ބޮން އަޅާފައެވެ.
ޖުލައި 18، 2014 ވަނަ ދުވަހެވެ. އެމެރިކާގެ އޭރުގެ ރައީސް އަދި އެމެރިކާގެ އެންމެ މަގުބޫލު ރައީސް ކަމަށް މުޅި ދުނިޔެ ސިފަކުރާ ބަރާކް އޮބާމާގެ ރައުޔުވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެމެރިކާގެ ބަދަލެއް ނެތް ތާއީދު އިސްރާއީލަށް އެބައޮތް ކަމަށާ، ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށް އޮބާމާ ވިދާޅުވިއެވެ.
އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިސްރާއީލުން އެފަހަރު ހިންގި ޖަރީމާގައި، ފަލަސްތީނުގެ އާންމުންގެ ތެރެއިން 1500 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. އޭގެ ތެރޭގައި 500 އަށް ވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ.
ނޮވެންބަރު 2012
ހަމާސްގެ އަސްކަރީ ކޮމާންޑަރު އަހުމަދު ޖަބާރީ މަރާލުމަށްފަހު އިސްރާއީލުން ގައްޒާއަށް އަސްކަރީ ގޮތުން ހަމަލާ ދޭން ފެށިއެވެ. ނޮވެންބަރު 2012ގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރާލިއެވެ.
މިފަހަރުވެސް، އިސްރާއީލުގެ ޑިފެންސަށް އޮބާމާ ނިކުންނެވިއެވެ. ވިދާޅުވީ ހަމަ އެއް ވާހަކައެކެވެ. ދިފާއުވުމުގެ ހައްގު އިސްރާއީލަށް އޮތް ވާހަކައެވެ.
ޑިސެންބަރު 2008- ޖެނުއަރީ 2009
"އޮޕަރޭޝަން ކާސްޓް ލީޑް"ގެ ނަމުގައި އިސްރާއީލުން މިފަހަރު ގައްޒާއަށް ވަދެގަތީ ޑިސެންބަރު 27، 2008ގައެވެ. އޭގެ 22 ދުވަސް ފަހެވެ. ފަލަސްތީނުގެ 1400 އަށްވުރެ ގިނަ މީހުން މަރާލިކަން، އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއުލާން ކުރިއެވެ. ގިނައީ އާންމު ރައްޔިތުންނެވެ.
އޭރު ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަން ނިމުމަކަށް އަންނަނީއެވެ. ނަމަވެސް، ފަލަސްތީނު ބަދުނާމު ނުކޮށް ވެރިކަމުން ފައިބާވަޑައިގަތުމަކީ ހުތުރުކަމަކަށް ވީ ކަމުގައިވެސް ވެދާނެއެވެ. ޖެނުއަރީ 2، 2009 ވަނަ ދުވަހެވެ. އެ ފަހަރު ގައްޒާއަށް އުފުލަން ޖެހުނު ތަކުލީފުގެ އިލްޒާމު، ބުޝްވެސް އަމާޒު ކުރެއްވީ ހަމާސްއަށެވެ.
2005-2000
އިސްރާއީލުގެ ހުދުމުހުތާރު ޕޮލިޓީޝަން، އާރިއަލް ޝެރޯން، ސެޕްޓެމްބަރު 2000ގައި އަލް-އަގްސީ މިސްކިތަށް ޒިޔާރަތް ކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި ނަފުރަތުގެ ގިނި އަނދަން ފެށިއެވެ. އެތައް ބަޔަކު މުޒާހަރާއަށް ނިކުތެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެމީހުންނާ ކުރިމަތިލިއެވެ. ފަލަސްތީނުގެ 7 މީހުން މަރާލިއެވެ. މިއާއެކު 2 ވަނަ އިންތިފާލޯ ނުވަތަ އަލް-އަގްސޯ އިންތިފާލޯ ފެށުނެވެ.
ފަލަސްތީނާއި އިސްރާއީލުންވެސް ދިޔައީ ހަމަލާ ބަދަލު ކުރަމުންނެވެ. ގައްޒާއާ ހުޅަނގު އައްސޭރިއަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުން 3000 އެއްހާ މީހުން މަރުވިއިރު، އިސްރާއީލުން މަރުވީ 1000 މީހުންނެވެ.
އޭރު ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޖޯޖް ޑަބްލިއު ބުޝް، އިސްރާއީލުގެ އުދުވާންތަކަށް ފުރަތަމަ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް، 11 ސެޕްޓެމްބަރު 2001 ވަނަ ދުވަހުގެ ހަމަލާއަށް ފަހު، ޝެރޯންއަށް ކުރެއްވި ތާއީދު ވަރުގަދަ ކުރެއްވިއެވެ.
2002 ވަނަ އަހަރު ވެގެން ދިޔައީ، އެމެރިކާގެ ރައީސަކު ފުރަތަމަ ފަހަރަށް، ފާޅުގައި، ފަލަސްތީނަށް ތާއީދު ކުރެއްވި އަހަރަށެވެ. އެކަން ކުރެއްވި ބުޝްއެވެ. ނަމަވެސް ޝަރުތަކާއެކުގައެވެ. ޝަރުތަކަށް ވީ، ފަލަސްތީނުގެ ލީޑާޝިޕް އޮވާހޯލް ކުރުމެވެ.
1996
ލުބްނާންގެ ހުރި އދގެ މައިދާނަކަށް އަމާޒުކޮށް އިސްރާއީލުން ދިން އަސްކަރީ ހަމަލާގެ ދިފާއަށް ނިކުންނެވި ލީޑަރަކީ އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަންއެވެ. އޭޕްރިލް 1996ގެ ހަމަލާ އަމާޒުވީ، އާންމުން ދިރިއުޅެމުން ދިޔަ ތަނަކަށެވެ. 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެސްވިއެވެ.
ދިފާއުގައި ކްލިންޓަން ބަދަނާމު ކުރެއްވީ، ހިޒްބުއްލޯ ޖަމާއަތެވެ. އަދި ދިފާއު ހޯދުމަށް އިސްރާއީލަށް އޮތް ހައްގުގެ ބޭނުން އިސްރާއީލުން ހިފީ ކަމަށް ކްލިންޓަން ވިދާޅުވިއެވެ.
1991-1987
މިއީ ފުރަތަމަ އިންތިފާލޯގެ ދުވަސްވަރެވެ. އިސްރާއީލު ބޮއިކޮޓް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތައް ދިޔައީ ކުރިއަށެވެ. ރާއްޖޭންވެސް އިސްރާއީލު ބޮއިކޮޓް ކުރި ހަނދާން ހުންނާނެ ކިތަންމެ ބަޔަކު މިހާރުވެސް އުޅޭނެއެވެ.
އެއީ އެމެރިކާގެ ރައީސް ރޮނާލްޑް ރޭގަންގެ ވެރިކަމެވެ. އޭނާ އިސްރާއީލު ދެކެވަޑައިގަތީ އަދާޔާ ހިލާފު އެސެޓެއްގެ ގޮތުގައެވެ. ގުޅުންތައް ބަދަހި ކުރައްވަމުން ގެންދެވީ އެ ރޫހުގައެވެ. އެމެރިކާގެ އަސްކަރި ޓެކްނޮލޮޖީގެ އެހީތެރިކަންވެސް އިސްރާއީލަށް ހުޅުވާދެއްވިއެވެ.
1982
ޖޫން 1982ގައި ލުބްނާނަށް އިސްރާއީލުން ދިން ހަމަލާތަކުގެ ކުރިން އިންޒާރެއް ދީފައި ނުވާ ކަމަށް ރޭގަން ފަހުން އެއްބަސްވެވަޑައިގަތެވެ. ނަމަވެސް އެމެރިކާއިން އިސްރާއީލު ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ އަސްކަރީ އެހީވެސް މަޑުޖައްސާފައެއް ނުވެއެވެ.
އިސްރާއީލުގެ ޖަރީމާތަކަށް ފެހި ސިގުނަލް ދެއްވިކަމަށް އިއުތިރާފުވެވަޑައިގަތުމަށް ރޭގަން އިންކާރު ކުރެއްވިއެވެ.
1973
އިސްރާއީލުން ވެރިވެގެންފައިވާ ސީނާ ޕެނިންސޫލާއާ ގޯލާންގެ އުސްބިންތައް ހޯދުމަށް އަރަބި ގައުމުތަކުން ހަރަކާތަށް ނިކުތެވެ.
ރައްދު ހަމަލާތަކެއް ފެއިލްވިއިރު، އެމެރިކާގެ ރައީސް ރިޗާޑް ނިކްސަންގެ ސަރުކާރުން ވަނީ އިސްރާއީލަށް އަސްކަރީ އެހީ ފޯރުކޮށްދޭން ފަށާފައެވެ. މި ކުރިމަތިލުންތަކުގެ އޮއެވަރު ގަދަކޮށްލި ސަބަބަކީވެސް މިއީކަން ހަނދާން ނައްތާލެވޭ ކަށް ނެތެވެ.
1967
މީލާދީން 1967 ވަނަ އަހަރުގެ ޖޫން މަހުން ދުވަހެކެވެ. އިސްރާއީލުން ވައިގެ މަގުން މިސްރަށް ހަމަލާ ދިނެވެ. މިއާއެކު، ތާރީހު ދުށް "6 ދުވަހުގެ ހަނގުރާމަ" ފެށުނެވެ. މި ހަނގުރާމާގައި އުރުދުން އަދި ސޫރިޔާވެސް ބައިވެރިވިއެވެ. މި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން، ގައްޒާ، ހުޅަނގު އައްސޭރި އަދި ސޫރިޔާގެ ގޯލާން ހައިޓްސް ހިފިއެވެ.
އޭރު އެމެރިކާގެ ވެރިކަމުގައި ހުންނެވި ލިންޑަން ބީ ޖޯންސަންވެސް ކުޅުއްވީ އިސްރާއީލުގެ ދިފާއަށެވެ. އިސްރާއީލުގެ އަމަލަކީ ހައްގުކަމަށް އޭނާ ވިދާޅުވެއެވެ.
1948
އެ ސަރަހައްދުގައި އިނގިރޭސިން ހިންގި އިސްތިއުމާރީ ވެރިކަން ނިމުމަކަށް އައުމާއެކު، އިސްރާއީލުގެ މިނިވަން ދައުލަތް އުފެދުނު ކަން ޔަހޫދީ އޭޖެންސީއިން އިއުލާން ކުރީ މެއި 14، 1948ގައެވެ. އެމެރިކާގެ ވެރިކަމުގައި އޭރު ހުންނެވި ހެރީ އެސް ޓްރޫމަންއަކީ، އަލަށް އުފެދުނު ކަމަށް ބުނާ އެ ދައުލަތް އެންމެ ފުރަތަމަ ބަލައިގެންނެވި ލީޑަރުންގެ ތެރެއިން އެކަކެވެ.
ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް އުފެއްދުމާއެކު، އެކަން ބަލައިގެންނެވި އެމެރިކާގެ ފުރަތަމަ ރައީސްއަކީ ޓްރޫމަންއެވެ.