މިނިވަންކަމާ ސުލްހަ ހޯދަން ފަލަސްތީނުގެ އަހުންނާ އުހުތުން ތަކުލީފު އުފުލަމުން އަންނަތާ 70 އެތައް އަހަރެއް ވެއްޖެ ކަމަށާ، މިފަދަ ބޮޑު ބޭއިންސާފެއް ފަލަސްތީނުގެ ރައްޔިތުންނާ މެދު ކުރަމުން ދާ މަންޒަރު ބަލަން ތިބެންވީ ކިހާ ދުވަހަކު ތޯ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ބައިނަލްއަގުވާމީ ޕޯޑިއަމްގައި ސުވާލު ކުރައްވައިފިއެވެ.

މިފަދަ މޭރުމަކުން ޝާހިދު ސުވާލު ކުރައްވާފައި ވަނީ، ފަލަސްތީނަށް އަމާޒުކޮށް އިސްރާއީލުން މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ އިސް ނެގުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން ވާޗުއަލް ޕްލެޓްފޯމުގައި ކުރިއަށް ގެންދެވި ހާއްސަ ބައްދަލުވުމުގައެވެ.

ޝާހިދު ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ، އޯއައިސީއިން ރިއާޔަތް ކުރާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ މައްސަލައާ، ގުދުސްގެ މައްސަލައަށް ގައުމުތަކުން ގުޅިފައިވާ ރޫހުގައި އެއްބާރުލުން ދިނުމަށް އާ އަހުދެއް ވުމަށް، މެންބަރު ގައުމުތަކަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ގައްޒާގެ ރައްޔިތުން 1442 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުކުރީ އިސްރާއީލުގެ އުދުވާންތަކުގެ ތެރޭގައި / ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ޝައިހް ޖައްރާގައި އެތައް އަހަރެއް ވަންދެން ދިރިއުޅެމުންދިޔަ ފަލަސްތީނުގެ ރައްޔިތުން އެ ބިމުން ބޭރުކުރުމަށް އިސްރާއީލުގެ ޔަހޫދީން އަމާޒު ހިފާ، ބައެއް ރައްޔިތުން އެ ގެތަކުން ނެރެ، އަލް-އަގްސޯ މިސްކިތުގައި އަޅުކަން ކުރި ތިބި މީހުންނަށް ހަމަލާ ދެމުން ދިޔަ މައްސަލައާ ގުޅިގެން ފަލަސްތީނާއި އިސްރާއީލާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާތާ މިއަދަށް ވަނީ 7 ދުވަސް ވެފައެވެ.

މި ހަމަނުޖެހުންތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 180 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ޝާހިދު ވަނީ، 1442 ވަނަ އަހަރުގެ ފިތުރު އީދާ، ފަލަސްތީނުގެ އަހުންނާއި އުހުތުން ކުރިމަތިލީ ހަނގުރާމައިގެ އުދުވާންތަކާ، ޖަނާޒާތަކުގެ ތެރެއިން ކަން ފާހަގަ ކުރައްވާފައެވެ.

އިސްރާއީލުން ގައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ ސަރަހައްދެއްގައި އާންމުންގެ މީހަކު މަޑުކޮށްލައިގެން / ފޮޓޯ: އަލްޖަޒީރާ

ހުރިހާ ކޮޅަކުން ބައްދާލެވިފައިވާ އަނގަމަތީ ޖަލެއްގެ ގޮތުގައި ގައްޒާ އޮންނަތާ ވިދިވިދިގެން 15 އަހަރު ވެފައި ވާކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައިގެ އެންމެ މަހެއްވެސް ލިބިފައި ނުވާކަމަށެވެ. ބަރަކާތްތެރި ރޯދަމަހަކީވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހުމެއް، އިސްތިސްނާއެއް ނުލިބި ދިޔަ މަހެއްގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިރުމަތީ ގުދުސްއާ ގައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ، ކަމާ ބެހޭ އދގެ ގަރާރުތަކާ، އޯއައިސީގެ ގަރާރުތަކާވެސް ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ހަމަލާތަކަކީ ދިވެހި ސަރުކާރުން، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހަމަލާތަކެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިގެން ނުވާނެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ ދެމި އޮންނާނެ ކަމަށާ، ވަކި ވެފައިވާ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އުފެދިގެން އައުމަށްވެސް ރާއްޖެއިން ތާއީދު ކުރާކަން ތަކުރާރު ކުރައްވަކުން ޝާހިދު ވަނީ، ފަލަސްތީނުގެ މައްސަލާގައި ދިވެހި ރާއްޖޭގެ ރޫހު ބަލިކަށި ވެގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.