ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ބަދަލު ކުރަމުން އަންނަ ހޫނުގަދަ ހަމަލާތައް ވީ އެންމެ އަވަހަކަށް ހުއްޓުމަކަށް ގެނެސް، މަސްރަހު ފިނި ކުރުމަށް މަސައްކަތް ކުރުމަށް، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ ޗައިނާއިން، އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ.
މެދުއިރުމަތީގެ މަސްރަހަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރުމަށް އދގެ ސަލާމާތީ މަޖިލީހަށް ގޮވާލައްވަމުން، ޗައިނާގެ ފޮރިން މިނިސްޓަރު، ވޭންގް ޔީ ވަނީ، އެމެރިކާއަށްވެސް ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވާފައެވެ. އެ ގޮތުން، މިހާތަނާ ޖެހުނުއިރުވެސް އދގެ ސަލާމަތީ މަޖިލީހަށް މާ ބޮޑު ކަމެއް ނުކުރެވި އޮތީ އެމެރިކާގެ ސަބަބުން ކަމަށް ވޭންގް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލާއި ފަލަސްތީނުގެ މަސްރަހު ފިނި ކުރަން މަސައްކަތް ކުރުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އދގެ ސަލާމަތީ މަޖިލީސް ފެއިލް ވެފައި ވަނީ، ބައިނަލްއަގުވާމީ އަދުލާ ދިމާ އިދިކޮޅުގައި އެމެރިކާ އޮތުމުން ކަމަށް ވޭންގް ވަނީ ވިދާޅުވެފައެވެ. ވޭންގް މިހެން ވިދާޅުވެފައި ވަނީ، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ޝާހް މަހްމޫދު ގުރައިޝީއާއެކު ކުރިއަށް ގެންދެވި ފޯނު ކޯލެއްގައި ކަމަށް، ޗައިނާގެ ދައުލަތުގެ މީޑިއާ، ޝީންހުއާއާ ހަވާލާދީ، އިންޑިއާގެ ވިއޯންއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އދގެ ސަލާމަތީ މަޖިލީހުގެ މިމަހުގެ ރިޔާސަތު ބަލަހައްޓަމުން އަންނަ ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ، އެ ގައުމުންވެސް، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި، އިސްރާއީލާއި ފަލަސްތީނު އުފެދިގެން ދިއުމަށް ތާއީދު ކުރާކަމަށް ވިދާޅުވެފައެވެ. އަދި މިއަދުގެ ފަހުގެ ވަގުތެއްގައި މެދުއިރުމަތީގެ މަސްރަހާ މެދު ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދާ މަޝްވަރާތަކުގައި، ގައުމުތައް އެއްގަލަކަށް އެރުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ.
ސަލާމަތީ މަޖިލީހުންވެސް ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފެއްދުމަށް ތާއީދު ކުރަން ޖެހޭ ކަމަށާ، ފަލަސްތީނާއި އިސްރާއީލުން ސުލްހައިގެ މަޝްވަރާތަކަށް އައުމަށްވެސް ގޮވާލަން ޖެހޭ ކަމަށް ވޭންގް ވިދާޅުވިއެވެ.
ކަން މިހެން އޮތްއިރު، މުސްލިމު ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމުގައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ހާރިޖީ ވަޒީރުންގެ މެދުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، މި މައްސަލައާ ގުޅިގެން ވާޗުއަލް ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ސައުދީއަރަބިއްޔާގެ އިސްނެގުމާއެކު ކުރިއަށް ގެންދާ މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ތަގުރީރު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖެއިން ވަނީ، ފަލަސްތީނަށް އަމާޒުކޮށް، އިސްރާއީލުން މިހާރު ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، ބަޔާނެއްވެސް އާންމު ކޮށްފައެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންވެސް ދަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ތިބިކަން އަންގައިދިނުމުގެ ގޮތުން ފަރުދީ ފެންވަރުގައި އަދި ޖަމާއަތުގެ ފެންވަރުގައިވެސް އެކި ހަރަކާތްތައް ހިންގަމުންނެވެ.
އ.ދ ގައޮތީ ސަލާމަތް ނުވާ މަޖުލިސް
އދ އަކީ ތާކުންތާކުޖެހޭ ޖަމިއްޔާއެއްނޫން. ފަލަސްތީނުގެ މައްސަލައަށް ގޮތެއް ނުނިމެނީ އެމެރިކާ ދެކޮޅުހަދާތީ. ދެން ކޮން ޑިމޮކުރަސީއެކޭތަ އެކިޔަނީ. ދުނިޔޭގެ ހުރިހާގައުމެއް އެއްކޮޅަށްޖެހުނަސް އެމެރިކާއިން އެކަން ވީޓޯކުރީމަ އެހުއްޓުނީ. ކަނޑުގެ ހުކުމް އދ ގަ ހިންގަނީ.
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ތަގުރީރުގައި ދިވެހި ރައްޔިތުންތިބީ ފަލަސްތީނާއެކު ކަމަށާއި 1947 ގައި އިސްރާއީލުން ފޭރިގެންފައިވާ ބިންތަކުން ފޭބުމަށާއި ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ހަމަޖެހުން ނޫންގޮތެއް ދިވެހިރާއްޖެ އާއި މުޅި އިސްލާމީ ދުނިޔެއިން ގަބޫލު ނުކުރާކަން ހާމަކޮށް ދެއްވުން އެދެން.
ޢދ ގަ އޮތީ ބައެއްގެ މަސްލަހަތު މަޖިލީހެއް. ޢެއަށް ސަލާމަތީ މަޖިލީހޭ ނުކިޔޭނެ