ރައްކާތެރިކަން ހޯދާން، އެހެންތަނަކަށް ބަދަލުވާން ޔުމްނާ އަލް-ސައީދަށް ލިބުނީ އެންމެ ގަޑިއެއްގެ އިރެވެ.

އޭނާ ދިރިއުޅެމުން ދިޔައީ ގައްޒާ ސިޓީގައި ހުންނަ އަލް-ޖަލާ ޓަވަރުގައެވެ. 11 ފަންގިފިލާގެ މައްޗަށް އެކުލެވޭ އެ ޓަވަރަކީ، އާންމުން ދިރިއުޅުމަށް ދޫކޮށްފައި ހުންނަ 60 އެޕާޓްމަންޓެއްގެ އިތުރުން، ބައިނަލްއަގުވާމީ މީޑިއާ އިދާރާތަކެއް ކަމަށް އަލްޖަޒީރާއާ، އެސޯސިއޭޓަޑް ޕްރެސް (އޭޕީ)ގެ އޮފީސް ހިންގަމުންދިޔަ ޓަވަރުވެސް މެއެވެ. އެންމެ ލިފްޓެއް ހުންނަ އެ ޓަވަރުން ބޭރަށް ނިކުތުމަށް ޔުމްނާ މިސްރާބު ޖެހީ، ސިޑިއާ ދިމާލަށެވެ.

"އަހަރަމެން ލިފްޓް ދޫކޮށްލީ ދޮށީ އުމުރުގެ މީހުންނާ ކުޑަކުދިންނަށް. އަހަރަމެން އެންމެން ސިޑިން ތިރިއަށް ދުވީ. ވީ ވަރަކުން ކުޑަކުދިންވެސް އުރައިގެން ފޭބީ. އަހަރެންވެސް ދެކުދިންނަށް އެހީވިން" ފަލަސްތީނުގައި ފްރީލާންސް އުސޫލުން މަސައްކަތް ކުރަމުން އަންނަ ނޫސްވެރިޔާ، ޔުމްނާ ކިޔައިދިނެވެ.

ބައިނަލްއަގުވާމީ މީީޑިއާތަކެއްގެ އިތުރުން އާންމުން ދިރިއުޅެމުންދިޔަ، ގައްޒާގެ އަލް-ޖަލާ ޓަވަރު ވައްޓާލި މަންޒަރު / ފޮޓޯ: އަލްޖަޒީރާ

ޓަވަރު ވައްޓާލިއިރު، އިސްރާއީލުން ގައްޒާއަށް އުދުވާނީ ހަމަލާތައް ދެމުން އަންނަތާ 6 ދުވަސްވެއްޖެއެވެ. ޓަވަރު ވައްޓާލުމުގެ ގަޑިއެއްހާއިރު ކުރިއެވެ. އަސްކަރިއްޔާގެ ޖެޓުތަކުން އިމާރާތަށް ހަމަލާ ދިނުމުގެ ކުރިން، ތަން ހުސްކުރުމަށް އިސްރާއީލުން އިންޒާރުގެ ފޯނު ކޯލެއް ކުރިއެވެ.

"އެންމެނެވެސް ބެލީ އަތު ޖެހުނު އެއްޗެއް ހިފައިގެން ނިކުމެވޭތޯ. އަމިއްލަ އެއްޗިއްސާ، އޮފީހުގެ އާލާތްތައް ހިފައިގެން ނިކުންނަން އަވަސްވެގަތީ. ވަކިން ހާއްސަކޮށް، ކެމެރާތައް ނެރެވޭތޯ ވަރަށް ބެލިން" އެ އިމާރާތުގައި ހިންގަމުން ދިޔަ އަލްޖަޒީރާ މީޑިއާގެ ނޫސްވެރިޔާ ސަފްވަތު އަލް-ކަހްލޫތު ބުންޏެވެ.

ނަމަވެސް، އެ ވަގުތު ކޮޅަކީ ތަނެއް ހުސްކުރަން އެކަށީގެންވާ ވަގުތެއް ނޫނެވެ.

"އެންމެ 15 މިނެޓް އިތުރު ކޮށްދޭން އަހަރަމެން އާދޭސް ކުރިން. އެތަނުގައި ގިނަ އަދަދެއްގެ އިކުއިޕްމަންޓްތައް ހުންނާނެ. އެ ހުރިހާ އެއްޗެއްވެސް ހުސް ކުރެވުނީސް" އިސްރާއީލުގެ ޖާސޫސީ އޮފިސަރަކާ ފޯނުން ވާހަކަ ދައްކަމުން، އޭޕީގެ ނޫސްވެރިޔަކު އާދޭސްކޮށް، އެދިފައިވެއެވެ.

އިމާރާތުގެ ވެރިޔާ، ޖަވާދު މަހްދީވެސް ވަނީ، އިތުރު ވަގުތު ހޯދުމަށް މަސައްކަތް ކޮށްފައެވެ.

"އަހަރެން މި އެދެނީ އެންމެ 4 މީހުން އެތެރެއަށް ވައްދަން. ކެމެރާތައް ނަގަން. ކަލޭމެންގެ އެދުންތަކަށް އަހަރަމެން އިހްތިރާމް ކުރަން. ހުއްދަ ނުދީފިނަމަ އެކަމެއް ނުކުރާނަން. އެކަމަކު، އަހަރަމެންނަށް 10 މިނެޓް ދީ" އިމާރާތުގެ ވެރިޔާ، މަހްދީ، އިސްރާއީލުގެ ކިބައިން ފޯނު މެދުވެރިކޮށް އެދުނެވެ.

އިސްރާއީލުން ވައްޓާލި އަލް-ޖަލާ ޓަވަރުގެ ބޭރުގައި ފަލަސްތީނު ފުލުހެއް ފޯރިމަރަނީ / ފޮޓޯ: އަލްޖަޒީރާ

ނަމަވެސް މަހްދީގެ އެދުމަށްވެސް އިސްރާއީލުން އިންކާރު ކުރިއެވެ. 10 މިނެޓް ދެވެން ނޯންނާނެ ކަމަށާ، ތަން ހުސްކުރަން 1 ގަޑިއިރު ދިން ކަމަށް އިސްރާއިލުން ބުންޏެވެ.

"ކަލޭމެން އަހަރަމެންގެ މުޅި އުމުރު ކުރި މަސައްކަތް ސުންނާފަތި ކޮށްފި. ހުރިހާ ހަނދާނެއް ނެތިކޮށްފި. މުޅި ހަޔާތް ނަގާލައިފި. އަހަރެން މި ފޯނު ބާއްވަނީ. ކުރާނެ ކަމެއް ކުރޭ. ކަލާންގެ ވޮޑިގެންވޭ" ފޯނު ބާއްވަމުން، އިސްރާއީލުގެ އޮފިސަރާ ދިމާއަށް މަހްދީ ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުން ދަނީ، އެ އިމާރާތުގައި އަސްކަރީ މަސްލަހަތު އެކުލެވޭ ކަމަށެވެ. ހަމާސްގެ ޖާސޫސުންނާ އެ އިމާރާތާ ގުޅުމެއް ވާ ކަމަށެވެ. މިއީ، ގައްޒާގެ ކޮންމެ ތަނަކަށް ހަމަލާ ދިނުމަށްވެސް އިސްރާއީލުން ދައްކާ ބަހަނާއެވެ. އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި، ހަމާސް އިން ނޫސްވެރިން "ބޭނުން ކުރަނީ" އިންސާނީ އައްޑަނައިގެ ގޮތުގައެވެ. ނަމަވެސް، އެކަން ސާބިތު ކޮށްދެވޭނެ އެއްވެސް ހެއްކެއް، އަދި މިހާތަނަށް އިސްރާއީލަށް ދެއްކިފައެއް ނެތެވެ.

ގައްޒާގެ ރައްޔިތުން 1442 ވަނަ އަހަރުގެ ފިތުރު އީދާ ބައްދަލުކުރީ އިސްރާއީލުގެ އުދުވާންތަކުގެ ތެރޭގައި / ފޮޓޯ: އަލްޖަޒީރާ

"މި އޮފީހުގައި އަހަރެން މަސައްކަތް ކުރާތާ 10 އަހަރުވެއްޖެ. ދުވަހަކުވެސް، ޝައްކެއް ވާ ޒާތުގެ އެއްވެސް ކަމަކާ ދިމާ ނުވޭ" ކަހްލޫތު ބުންޏެވެ.

ކަހްލޫތާއެކުގައި މަސައްކަތް ކުރާ އެހެން މީހުންނަށްވެސް އެފަދަ ކަމެއް ފާހަގަ ނުވެއެވެ. އެމީހުން ދަންނަނީ އާއިލާތަކެކެވެ. ކޮންމެ ދުވަހަކު ފެނިދެނިވެ، ބައްދަލުވާ އާއިލާތަކެއް އެ އިމާރާތުގައި ދިރިއުޅޭކަމެވެ.

ޔުމްނާ ބުނީ، ނޫސްވެރިންނާ، ގާނޫނީ ވަކީލުންނާ، ޑޮކްޓަރުންނާ، އެތައް އާއިލާއެއް ހިޔާވަހިކަން ހޯދަމުންދިޔަ އިމާރާތަކުން، އިސްރާއީލަށް އޮތް ނުރައްކަލެއް އޭނާއަށް ނުސްވިސްނޭ ކަމަށެވެ.

އެސޯސިއޭޓަޑް ޕްރެސްއިން އެ އިމާރާތުގައި މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެއެވެ. އޭޕީއަށްވެސް އެފަދަ ކަމެއް ފާހަގައެއް ނުކުރެވެއެވެ.

ބުރަ ޝިފްޓަކަށް ފަހު، އޭޕީގެ ނޫސްވެރިޔާ ފާރިޝް އަކްރަމް އާރާމު ކޮށްލުމަށް އޮށޯތި ވަގުތެވެ. އިމާރާތް ހުސްކުރުމުގެ އިންޒާރު ދިން ކަމަށް، އޭނާގެ އެކުވެރިޔާ ހަޅޭއް ލަވާ އަޑަށް، އަތުޖެހުނު އެއްޗެއް ހިފައިގެން ކާރަށް އަރާ، ދެވުނު ދުރަކަށް ދާން އަކްރަމް ދުއްވާލިއެވެ. ވަކި ހިސާބަކަށް ގޮސް، ފަސް އެނބުރި އިމާރާތަށް ބަލާލިއިރު، އިސްރާއީލުގެ ޑްރޯން ހަމަލާ، އިމާރާތަށް އަރަނީއެވެ. އެފް-16 މަތިންދާ ބޯޓުތަކުން އިތުރު 3 ހަމައެއްލާ ދިން މަންޒަރުވެސް، އަކްރަމަށް ފެނުނެވެ.

ފުރަތަމަ ހަމަލާ އަމާޒުކުރީ ޖީއެމްޓީ ގަޑިން 12:12 ގައެވެ. ފަސް މިނެޓް ފަހެވެ. މުޅި މާހައުލު، ކަޅު ދުމާއި ހިރަފަހުން ބޯވެ، އަލް-ޖަލާ ޓަވަރު ބިމާ ހަމަވިއެވެ. އެތައް އަހަރެއްގެ މަސައްކަތް ހަފުސްވީއެވެ.

އިސްރާއީލުގެ އުދުވާންތަކުގައި، މިޑީއާއިން މަސައްކަތް ކުރާ އިމާރާތްތައް ސުންނާފަތި ކުރެއެވެ. މެއި 13 ވަނަ ދުވަހުވެސް އެފަދަ ޖަރީމާއެއް ހިންގިއެވެ. އަމާޒަކީ، އިސްރާއީލުގެ ގަތުލުއާންމު ދުނިޔެއަށް ފޮރުވުންކަން ސާފެވެ.

އިސްރާއީލުން ވައްޓާލި އަލް-ޖަލާ ޓަވަރުގެ ބޭރުގައި ހުރެގެން އަލްޖަޒީރާ މީޑިއާގެ ނޫސްވެރިޔާ ސަފްވަތު އަލް-ކަހްލޫތު ހަބަރު ގެނެސްދޭ މަންޒަރު، އާންމުންގެ މީހަކު ޓްވީޓްކޮށްފާ / ފޮޓޯ: ސާރާ ހާން | ޓްވިޓާ

ނަމަވެސް ނޫސްވެރިންގެ މަސައްކަތަށް ހުއްޓުމެއް ނާދެއެވެ. ސުންނާފަތިވެފައިވާ އިމާރާތުގެ ބޭރުގައި ތިބެގެން، އެ ނޫސްވެރިން ދިޔައި ވަގުތުން ވަގުތަށް ހަބަރުތައް ގެނެސްދެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ މަންޒަރުތައް ބަލަމުން ދިޔައެވެ. އެ ބަޔަކަށް ވީ ގޮތަކުން، އިސްރާއީލު ކުށްވެރިކޮށް އަޑުއުފުލިއެވެ. މިކަމުގައި، ދުނިޔޭގެ ލީޑަރުންނަށްވުރެ އާންމުންގެ އަޑު ގަދައެވެ.

އަލް-ޖަލާގެ ޓެރަހަކީ މުޅި ދުނިޔެއަށް ހާއްސަ ޓެރަހެކެވެ. އިސްރާއީލުން ގައްޒާއަށް ދެމުންދާ އުދުވާންތަކުގެ ގިނަ މަންޒަރުތައް ވީޑިއޯކޮށް، ފޮޓޯ ނަގާފައި ހުންނަނީ، މި ޓަވަރުގެ ޓެރަހުގައި ނޫސްވެރިން ތިބެގެންނެވެ.