ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މުއްދަތު ދަންމާލުމަށް އެ ގައުމުން ނިންމި ނިންމުމަކީ ބަލައިގަނެވޭ ނިންމުމެއް ކަމަށް، އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްގެ ޗީފް މެޑިކަލް އެޑްވައިޒާ، ޑރ އެންތަނީ ފައޫޗީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ފައޫޗީ ވިދާޅުވީ، ކޮވިޑް-19ގެ ވެކްސިން ކެމްޕޭން އިތުރަށް ފުޅާ ކުރުމަކީ، އިންޑިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮވިޑް ކާރިސާއިން އަރައިގަތުމުގެ މުހިންމު ތަޅުދަނޑިއެއް ކަމަށެވެ.

އިންޑިއާ މިއަދު އޮތް ހާލަތަށް ބަލާއިރު، މިކަމުން ސަލާމަތްވެވެން އޮތް ގޮތްތައް ބަލަންޖެހޭ ކަމަށާ، ވީ އެންމެ އަވަހަކަށް، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ޖެހުމަކީ މިކަމުގައި އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ޑރ ފައޫޗީ ވިދާޅުވިއެވެ.

އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން / ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ޑރ ފައޫޗީ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާއިރު، އިންޑިއާގެ ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު، 12 ހަފުތާއިން 16 ހަފުތާއަށް އިތުރު ކޮށްފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ތައާރަފު ކުރިއިރު 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތެއް ކަމުގައި ކަނޑައެޅި 6-8 ހަފުތާއާ ދެމެދު މުއްދަތެކެވެ. މިއީ، ކޮވިޝީލްޑްގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު، ފާއިތުވީ 3 މަސްދުވަހުގެ ތެރޭގައި އިތުރު ކުރި 2 ވަނަ ފަހަރެވެ.

2 ޑޯޒްގެ ދެމެދު ހޭދަ ކުރާ މުއްދަތު އިތުރު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒު ވަމުންނެވެ. އެފަދަ ފަރާތްތަކުން ބުނަމުންދަނީ، މި ނިންމުމަކީ ވެކްސިންގެ ސަޕްލައި ނެތިގެން ނިންމި ނިންމުމެއް ކަމަށެވެ. ކަން މިހެން އޮތްއިރު، ޑރ ފައޫޗީ ވިދާޅުވަނީ، ވެކްސިންގެ ކާމިޔާބީއަށް ބަލާއިރުވެސް 2 ޑޯޒްގެ ދެމެދުގައި ހޭދަކުރާ މުއްދަތު އިތުރު ކުރުމަކީ ފައިދާ ބޮޑު ގޮތެއް ކަމަށެވެ. އަދި މިއީ ސަޕްލައި ނެތިގެން އިންޑިއާއިން ނިންމި ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާއިން ދަނީ، ކޮވިޑުން ދިފާއުވުމަށް ރަޝިއާއިން ތަރައްގީ ކުރި "ސްޕަޓްނިކް-5" ބޭނުން ކުރުމަށް ތައްޔާރު ވަމުން ކަމަށް ހަބަރު ލިބެއެވެ. ކުރިއަށް އޮތް ހަފުތާ ތެރޭގައި، އާންމުންނަށް މި ވެކްސިން ޖަހަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.