ދެ އަހަރާއި ބައި ވާއިރު ތަހުގީގެއް ފުރިހަމަ ނުވެ އޮތުމަކީ މައްސަލައެކެވެ. މުސާރަ ނަގަނަގައިގެން ތިބެ ކުރި ކަމަކާމެދު ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.

އިއްޔެ އާންމު ކުރި އެމްއެމްޕީއާރުސީގެ ލިސްޓް ބަލާލީމައި، އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތް އެއ އޮތީ ފެންނާށެވެ. ކޮމީޝަން އުފެއްދިތާ 2 އަހަރާއި ބައި ވެގެން ދިޔަ އިރު، ހިޔާނާތުގައި ހިމެނޭ 281 ފަރާތެއްގެ ތެރެއިން ދައުވާއެއް ކޮށްލެވޭ ހިސާބަށް ތިލަ ކޮށްލެވުނީ އެންމެ 14 ފަރާތެކެވެ.

މިހާތަނަށް ދައުވާ އުފުލާ އަދި ދައުވާ އުފުލުމަށް ޕީޖީގެ ހިޔާލަށް ފޮނުވި ފަރާތްތައް؛

  1. އަބްދުﷲ އާޒިމް - އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރު (ކްރިމިނަލް ކޯޓުގައި)
  2. އަހުމަދު އަކުރަމް - އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް (މަދަނީ ދައުވާ ކުރަން ވެފައި)
  3. އަހުމަދު މަހުލޫފް - މިހާރުގެ ޔޫތު މިނިސްޓަރު (ދައުވާ ކުރާނެތޯ ބަލަން ޕީޖީއަށް ފޮނުވަން ވެފައި)
  4. އަހުމަދު ނިހާން ހުސެން މަނިކު - ކުރީގެ އެމްޕީ (ކްރިމިނަލް ކޯޓުގައި)
  5. އަކްރަމް ކަމާލުއްދީން - ރާއްޖެޓީވީގެ ޗެއާމަން (މަދަނީ ދައުވާ ކުރަން ވެފައި)
  6. އެޕޯލޯ ހޯލްޑިންގްސް ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  7. ޔޫރޯ މާކެޓިން ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  8. ހެވަންލީ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  9. އިންޓެރެޕިޑް ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  10. އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  11. އައިލެންޑް ޓްރާނސްޕޯޓް ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  12. މެރިން ޑިޒައިމް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  13. ސީނިއާ އިންޓަނޭޝަނަލް ޕްރިވެޓް ލިމިޓެޑް (ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި)
  14. ޒަހާ ވަހީދު - ކުރީގެ މިނިސްޓަރު (މަދަނީ ދައުވާ ކުރަން ވެފައި)

281 ފަރާތެއްގެ ނަން އޮތް އެ ލިސްޓުން މަތީގައި ވާ 14 ފަރާތާ ގުޅޭ ގޮތުން ދައުވާ އާ ހިސާބަށް ގޮސްފައި ވާއިރު، 20-30 މިލިއަނުން ފައިސާ ނެގި ފަރާތްތައް ތިބީއެވެ. އެމީހުން ނެގި ފައިސާއިން ފައިސާ ހަދާ މިލިއަނަރުންނަށް ވެގެން ދާއިރު، އެސެޓް ކޮމިޝަނުން ބައެއް މީހުން އަދި ބައެއް ފަރާތްތަކުގައި ހޭވެސް އަހާލާފައި ނުވާކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބައެއް ބޭފުޅުންނާ ސުވާލު ކޮށްލުން ބުނެފައި ވަނީ އެމްއެމްޕީއާރުސީ މައްސަލަގަނޑު ފެންމަތިވީއްސުރެ މިއަދާ ހަމައަށް އެންމެ ސުވާލެއްވެސް ނުކުރާ ކަމަށެވެ.

"އަޅުގަނޑަކާ ނެތް ހަމަ އެންމެ ސުވާލެއްވެސް ކޮށްފައި، މައްސަލައެއް އޮތިއްޔާ ސުވާލެއްވެސް ކޮށްލަން ވާނެ ދޯ، މިއަދާ ހަމައަށް އައިއިރު ނެތް ހޭ ވެސް އަހާލާފައި"
އާޒިމް

ރިކަވަރީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލިޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވީ، އެ ކޮމިޝަނަކީ އެއްކަމެއްވެސް ކުރެވޭ ތަނެއް ނޫން ކަމަށާއި، ފުލުހުންނާއި އޭސީސީން ތަހުގީގު ހިންގާފައި އެކަމަކާ ބެހޭ ލިޔެކިޔުންތައް ފޮނުވީމައި 2 އަހަރާއި ބައި ވެގެން ދިޔަ އިރު އެ ބައިންޑްވެސް ކޮށް ނުލެވުނު ބައެއް ކަމަށެވެ.

އިއްޔެ މަޖިލީހުގެ ލިސްޓް އާންމު ކުރުމުގާ ގުޅިގެން، އެ ލިސްޓުގައި ނަން ހިމެނޭ ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު މަޖިލިސް އަހުމަދު ޝިޔާމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ޖެހިފައި އޮތް މައްސަލައެއްގެ ޒާތީ ހަސަދަ ފިލުވާލީ ރާއްޖޭގެ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައިގެ އަަސްލު ގެއްލުވާލައިގެން ކަމަށެވެ.

"އަވަސް އަރުވާލައިގެން 2 ކޮމެޓީ އެއްކޮށްގެން 2 ރޭ މަތިން މި ކުރި މަސައްކަތަކީ އަސްލު ދެނެގަތުމުގެ ބަދަލުގައި ސިޔާސީ މަންފާއެއް ހޯދުމަށް ކުރެވުނު މަސައްކަތެއް. ކިހިނެއްތޯ 2 ދުވަހު އިށީނދެ ލާފައި މިވަރު ކަމެއް ކުރާނީ. ސިޔާސީ ގޮތުން ބައެއްގެ އަބުރު ކަތިލީ. މަޖިލީހުން މިއަށް ވުރެ ޒިންމާދާރުކޮށް މިކަން ކުރެވޭނެ ކަމަށް ދެކެން."
ޝިޔާމް

ހިޔާނާތުގެ މައްސަލައަށް ދެން ވާނީ ކިހިނެތް

އާންމުކޮށް އެއްވެސް ހިޔާނާތަކީ ފަސޭހަ ރަހުމަތެއްގައި ސާބިތު ކުރެވޭ ކަމެއް ނޫނެވެ. ސަބަބަކަށް ވަނީ ހިޔާނާތްތެރިން ހިޔާނާތް ފޮރުވުމަށްޓަކައި ކުރާ މަސައްކަތެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ހެކި ފޮރުވަން ކުރާ މަސައްކަތެވެ. އަމުދުން އެއީ ފައިސާގެ މުއާމަލާތް ނަމަ، އެ މުއާމަލާތްތައް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ކުރާ މަސައްކަތެވެ. ފޯޖު ލިޔެކިޔުންތައް ހެދުމާއި އެކި އިންވެސްޓްމަންޓުތައް ހަދާ، ބްލެކް މަނީ ވައިޓް ކުރުމެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް އާންމު ކުރި އިރު 175 މީހަކީ އަދިވެސް މައުލޫމާތު ހޯދުމުގެ މަރުހަލާގައި ތިބި މީހުންނެވެ. ތަހުގީގު ކުރިއަށް ދާ މީހުންނާއި، ދައުވާއާ ހަމާގައި ތިބި މީހުން އުނިކޮށް ބާކީ ތިބި އެންމެން ހިމެނޭހެން ލިސްޓް އާންމު ކުރުމުން ހެކި ފޮރުމުގެ ހުރަސް އެޅިދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

"ތަހުގީގު މަރުހަލާއެއްގައި އޮތް ލިސްޓެއް އެހެން އާންމު ކުރުމަކީ ގޯހެއް، އެއީ މައްސަލައިގެ އަސްލު ގެއްލުވާލުމަށް ކުރި ކަމެއްގެ ގޮތުގައި ދެކެނީ، މިހާރު ތިބޭފުޅުން ބައްލަވާ، އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުން ސޯޝަލްމީޑިއާގައި އެއީ ޖޯކެއް ކަމަށް ހަދަމުން ދަނީ، ލިސްޓު އާންމު ކުރީމައި މައްސަލައިގެ ސީރިއަސްކަން ގެއްލިއްޖެ، ދެން އެ ފައިސާ ލިބުމަކީ ނާދިރު ކަމެއް"
ތަޖުރިބާކާރެއް

އޭނާ އެހެން ވިދާޅުވީ އިރު، އެ ލިސްޓުގައި ނަން ހިމެނޭ ބައެއް ބޭފުޅުން ސޯޝަލްމީޑިއާގައި ދަނީ އެކަމަށް ފާޅުގައި ފާޑު ކިޔަމުންނެވެ. އެގޮތުން މާލެދާއިރާގެ ހުޅުމާލެ ގޮނޑިއަށް އިންތިހާބު ވި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "ޖޯކަރު ލިސްޓް ހެދީ ވެސް ޖޯކަރުން ތަކެއް. ދައުލަތް ދަވާލި ބައެއް ކުރިމައްޗަށް އަރާ މި ސަރުކާރުން ބޭނުންވާ ބައެއްގެ ނަން އެމީހުން ލައްވާ ބުނެވުނު އިރު، މި ދައުލަތައް މި ވައްކަން ކުރި މީހުން ރާއްޖޭން ބޭރުން ނުގެނެވުނު! ބަލަ ދިވެހިންނަށް ވާނުވާ އެބަ އެނގެޔޭ" މޮޔަ ނުވުމަށެވެ.

އެ ލިސްޓުގައި ނަން ހިމެނޭ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ކ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވަނީ "ބުހުތާނު ދޮގު. ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ މިއަދު. ހަމަ ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ؟ އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފަ" ކަމަށެވެ.

ލިސްޓް އާންމު ކޮށްލުމުގެ ބޭނުނަކީ ރިކަވަރީ ކޮމިޝަނަށް އެކަން ނުކުރެވޭތީ އެކަން ހާމަކޮށް ދިނުމާއި އެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވުމުން ކަމަށް ވާނަމަ ދެން މައްސަލައިގެ މިސްރާބު ބަދަލުވެގެން ދާނީ ކިހިނެއްތޯއެވެ. މައްސަލައިގެ ހެކި ލިބުމާއި، މައްސަލައިގައި ހިމެނޭ މީހުންނާއި ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ހެއްޔެވެ.

މުޅި މާލޭގައި ބަހަމުން ދިޔައީ އެމްއެމްޕީއާރުސީގެ ފައިސާކަން އެންމެނަށްވެސް އެނގޭއިރު، އަދި އެފައިސާ ހޯދަން މުގޯލި އަޅަމުން ދިޔަ މީހުންވެސް މިއަދު އެ މައްސަލަ ޖޯކަކަށް ހަދާ ތިމަންނާއަށް ލިބުނީ އެމްއެމްޕީއާރުސީ ފައިސާ ކަމެއް ނޭނގެޔޭ ބުނާއިރު މައްސަލަ ސާބިތު ކުރާނީ ކިހިނެއްތޯއެވެ. ފައިސާ ހަވާލު ކުރި ރަޝީދުގައި އެއީ އެމްއެމްޕީއާރުސީގެ ފައިސާއޭ ލިޔެފައި އޮތަސް ފައިސާގައި "އަނގަ ފަޅާ" ތިމަންނާއީ އެމްއެމްޕީއާރުސީގެ ފައިސާއޭ ނުބުނާނެތާއެވެ.

މައްސަލަ ސާބިތުކުރުމަށްޓަކައި، ކިތާބީ ހެއްކާއި ފޮރެންސިކް ހެކި ހޯދުމުގެ މަރުހަލާތައް ބޮޑުތަނުން ލަސް ކޮށް، އަދި އެންމެ ފަހުން ލިސްޓް އާންމުކޮށްލުމުގެ ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށެވެ. ރައްޔިތުންގެ ފައިސާއިން 4 ބިލިއަން "ކޮޅުގޮހޮރަށް ކާލި" މީހުންނާއި ފަރާތްތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ޕްރޮމޯޝަނާއި މެޑަލްތަކެވެ.