އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އެމްއެންޑީއެފްގެ މޭޖަރެއްގެ މަގާމުގައި ހުންނެވި ނަވީން ޒުބައިރްގެ ނަންވެސް ހިމެނިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމު ކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ނަވީނަށް 100،000 ޑޮލަރު ޖަމާވި ކަމަށް ބުނެފައި ވެއެވެ. އެ ފައިސާ އޭނާއަށް ޖަމާކޮށްފައި ވަނީ ހިޔާނާތުގެ ފައިސާ ތަފާތު އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޓްރާންސްފާ ކޮށްފައިވާ އެސްއޯއެފްގެ އެކައުންޓުންނެވެ.
އޭނާގެ ނަން ލިސްޓްގައި އޮތްއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރިޔަށް ގެންދިޔަ ތަހުގީގުގައި ހިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ ތެރޭގައި ހިމެނުނެވެ. އޭސީސީގެ މި ރިޕޯޓު 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނުއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތުމުން މި މައްސަލައާ ގުޅިގެން ނަވީން ސަސްޕެންޑުވެސް ކުރިއެވެ.
އެހެންނަމަވެސް ފަހުން އޭނާގެ ހިޔާނާތުގެ މައްސަލައެއް ނެތް ކަމަށް ބުނެ މި 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އަނބުރާ ވަޒީފާއަށް ނެރެފައެވެ. އަދި ވަނީ ޕްރޮމޯޝަންވެ ސް ދީފައެވެ. އޭރު އެމްއެންޑީއެފް އިން އެކަމާ ގުޅިގެން އެއްވެސް ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
ހިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި އެމްއެންޑީއެފް އޮފިސަރުންނާއި ފުލުހުންގެ އިސް އޮފިސަރުންވެސް ހިމެނެއެވެ. އަދި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި މި ސަރުކާރުގެ އިސްވެރިންތަކެއް ވެސް ހިމެނެއެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ އެމީހުންނާމެދު 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތުއޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފައެވެ.
ދެން ރުޅިއަރާހާ މީހެއްގެ ނަން ލިޔަންވީ