އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައިވާ އިރު އެ ލިސްޓުގައި ނަން ރިޕީޓުވެފައިވާ ކަަން ހާމަވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން އެ ލިސްޓް އާންމުކޮށްފައިވާ އިރު އެ ލިސްޓުގައި ފުލުހުންގެ ތެރޭގައި އޭރު މަސައްކަތް ކުރި މީހެއްގެ ނަން ވަނީ ދެ ފަހަރަށް ހިމަނާފައެވެ. 281 މީހުންގެ ނަން ހިމަނާފައިވާ ލިސްޓުގައި އަހްމަދު ޝުހާދުގެ ނަމުގައި 63 ވަނަ ނަންބަރުގައި އާއި 64 ނަނބަރުގައި ވަނީ ޖަހާފައެވެ. އެއީ 2 މީހެއް ނޫން ކަމަށާއި އެއީ އެކަކު ކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.

މީގެ ކުރިން ފްލެޓް ދިނުމަށް އާންމުކޮށްފައިވާ ލިސްޓުތަކުގައި ވެސް އެކެއްގެ ނަން ތަކުރާރުވެފައިވާ މައްސަލަތައް ފެންމަތިވިއެވެ.

މިއަދު އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓް އާންމުކޮށްފައިވާ އިރު، މީގެ ކުރިން ވަނީ އެ ހިޔާނާތުގައި ބައިވެރިވި މީހުން ކަމަސް ތުހުމަތު ކުރެވޭ ލިސްޓެއް ލީކްވެސް ވެފައެވެ. އެ ލިސްޓުގައި ކުރިން ހިމެނޭ އެތައް ބައެއް މިއަދު މަޖިލީހުން އާންމު ކުރި ލިސްޓުގައި ނެތް ކަމަކީވެސް ފާހަގަ ކޮށްލެވޭ ކަމެމެވެ. އެ ގޮތުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ގެ ނަން އާންމު ކުރި ލިސްޓުގައި ނެތެވެ.

މީގެ އިތުރުން ކުރިން ލީކްވި ލިސްޓުގައި ހިމެނޭ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ ނަން ވެސް ފައިނަލް ލިސްޓުން ވަނީ ގެއްލިފައެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ހުށަހެޅި ރިޕޯޓާއެކު މުޅި ލިސްޓް އާންމުކޮށްފައި ވާއިރު އެ ލިސްޓުގައިވާ މީހުންގެ ތެރެއިން 119 މީހަކީ މިހާރުވެސް މަގާމުތަކުގައި ތިބި މީހުންނެވެ. އެ ކޮމިޓީން ބުނެފައި ވަނީ ހިޔާނާތުގެ ތުހުމަތު އޮތް މީހުން ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.