އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ ނަން ގެއްލިއްޖެއެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުން ޕީޖީގެ ނަން ގެއްލިގައި ވާ ނަމަވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ނަން ހިމެނެއެވެ. އެ ލިސްޓުގައި ޕީޖީގެ ނަން ހިމެނިފައި ނުވާ ނަމަވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން އެބައޮތެވެ. ހަސަން ޒިޔަތު އަށް ލި ބިފައިވާ ފައިސާ އަކީ ރައްޔިތުންގެ މަޖިލިސްގެ ކެމްޕޭނަށް ލިބިފައިވާ ފައިސާއެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ރިޕޯޓާއެކު މުޅި ލިސްޓް އާންމުކޮށްފައި ވާއިރު އެ ލިސްޓުގައިވާ 119 މީހަކީ މިހާރުވެސް މަގާމުތަކުގައި ތިއްބެވި މީހުންނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ އެމީހުންނާމެދު 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތުއޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފައެވެ.