އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން އާންމު ކޮށްފިއެވެ.
ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ރިޕޯޓާއެކު މުޅި ލިސްޓް އާންމުކޮށްފައި ވާއިރު އެ ލިސްޓުގައިވާ 119 މީހަކީ މިހާރުވެސް މަގާމުތަކުގައި ތިއްބެވި މީހުންނެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ އެމީހުންނާމެދު 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތުއޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފައެވެ.
ލިސްޓުގައި އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އަދި އެމްޑީޕީގެ ޕާލަމަންްޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެ އެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ލިސްޓުގައި ހިމެނެއެވެ.
ލިސްޓުގައި ހިމެނޭ ޕީޕީއެމް/ ޕީއެންސީގެ މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރުން ހުސެއިން މުހައްމަދު ލަތީފް އަދި ނައިފަރު ދާައިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން މެމްބަރު އިބްރާހިމް ރިޒާ ހިމެނެއެވެ.
ލިސްޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހިމެނި ވަޑައިގަންނަވަ އެވެ.
މިނިވަން މެންބަރުންގެ ތެރެއިން ލިސްޓުގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނެވެ. އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ ނަން ވެސް އެ ލިސްޓުގައި ވެއެވެ.