ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހިތްދަތި ތޫފާނަކާ މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ މިދަނޑިވަޅުގައި، ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސީޝެލްސްއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުން ކަމަށް ބުނެ، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަށް ހުށަހެޅި މައްސަލައެއް، އެ އިދާރާއިން މުރާޖާ ކުރަން ފަށައިފިއެވެ.

ކަން މިހެން އޮތް އިރު، ސީޝެލްސްއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިފާއި ވެކްސިންގެ އެންމެ ޑޯޒްއެއްވެސް ޖަހާފައި ނުވާ މީހުން ނުވަތަ 1 ޑޯޒް ޖަހާފައި ވާ މީހުން ކަމަށާ، މަރުވި މީހުންގެ ތެރޭގައި، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކު ނެތް ކަމަށް، ޑަބްލިއުއެޗްއޯއާއި ސީޝެލްސްގެ ސިއްހަތާ ވުޒާރާއިން ފާހަގަ ކުރެއެވެ. އަދި ބަލި ޖެހިގެން ހާލު އެންމެ ސީރިއަސް ވެގެން ފަރުވާ ދޭން ޖެހޭ މީހުންނަކީ ވެކްސިން ނުޖަހާ މީހުންކަންވެސް ފާހަގަ ކުރަންޖެހެއެވެ.

ޗައިނާގެ ސީނޯފާމް ވެކްސިން / ފޮޓޯ: މިޑްލްއީސްޓްއޮންލައިން

ޑަބްލިއުއެޗްއޯގެ ތަރުޖަމާނަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، 1 ލައްކަ މީހުންވެސް ހަމަނުވާ ސީޝެލްސްއިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނައިރު، އެ ގައުމުގެ މަސްރަހު، އެ އިދާރާއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

7 ދުވަހުގެ އެވަރޭޖަށް ބަލާއިރު، އޭޕްރިލް 30، 2021 ގައި މިއަދަދު އޮތީ 120 ގައެވެ. ނަމަވެސް، މެއި 8، 2021 ގައި، މި އަދަދު، 314 އަށް އަރާފައި ވާކަމަށް، ސީޝެލްސްގެ ސިއްހަތާ ބެހޭ ވުޒާރާގެ ބަޔާނުގައިވެއެވެ. އަދި ޕޮޒިޓިވް ކޭސްތަކުގެ 3 ބައިކުޅަ 2 އަށް ވުރެ ގިނަ ކޭސްތަކަކީ، ޕޮޒިޓިވްވި އެހެން މީހުންނާ ގާތުން ކޮންޓެކްޓްވީ މީހުން ކަންވެސް އެ ވުޒާރާއިން ފާހަގަ ކުރެއެވެ.

ސިޝެލްސްގެ ވެކްސިން ކެމްޕޭނަށް ބަލާއިރު، މިހާތަނަށް 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންގެ 57 ޕަސެންޓް މީހުން ޖަހާފައި ވަނީ، ޗައިނާގެ ސީނޯފާމް ވެކްސިނެވެ. އަސްޓްރާޒެނީކާގެ ވެކްސިން ޖަހާފައި ވަނީ 43 ޕަސެންޓް މީހުންނެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، ސީޝެލްސްގެ އާބާދީގެ 60 ޕަސެންޓް މީހުން މިހާރު ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.

އަސްޓްރަޒެނިކާ ވެކްސިން ވައިލްއެއް: މިއީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރަޒެނިކާ ކުންފުންޏާ ގުޅިގެން އުފެއްދި ވެކްސިނެއް. ރާއްޖެއިން ގަތީ މި ވެކްސިނުގެ 7 ލައްކަ ޑޯޒް

ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި ސީނޯފާމްގެ ކޮވިޑް ވެކްސިންގެ 3 ވަނަ މަރުހަލާގެ ކުލިނިކަލް ޓްރަޔަލްތަކަށް ބަލާއިރު، 21 ދުވަހުގެ މުއްދަތެއްގެ ތެރޭގައި 2 ޑޯޒް ފުރިހަމަ ކުރުމުން، ބަލީގެ އަލާމާތްތަކާއެކު ކޮވިޑަށް ޕޮޒިޓިވްވުމުގެ ފުރުސަތު، ދެވަނަ ޑޯޒް ޖަހާތާ 14 ނުވަތަ އެއަށްވުރެ ގިނަ ދުވަހުގެ ތެރޭގައި 79 ޕަސެންޓް ދުރުކޮށްދެއެވެ. އަސްޓްރާޒެނީކާއިން މާޗް މަހު ބުނީ، އެ ކުންފުނީގެ ވެކްސިނަކީ 76 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިންތަކަށް ރުހުން ދެމުންދާ ޑަބްލިއުއެޗްއޯއިން، ސީނޯފާމްގެ ވެކްސިނަށް ރުހުން ދިނީ މިދިޔަ ހުކުރު ދުވަހުއެވެ. މިއާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ވެކްސިން ފެސިލިޓީ ނުވަތަ ކޮވެކްސް މެދުވެރިކޮށް ސީނޯފާމް ވެކްސިން ފޯރުކޮށްދިނުމުގެ ފުރުސަތުވެސް މިހާރު އޮތީ ފަހިވެފައި ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮވެކްސް މެދުވެރިކޮށް ކޮވިޑް ވެކްސިން ލިބުނު ފުރަތަމަ ގައުމަކީ ޣާނާ / ފޮޓޯ: ވީއޯއެކްސް

ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ސީޝެލްސްއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 8200 އަށްވުރެ މަދު ސާމްޕަލްތަކެކެވެ.

ކަން މިހެން އޮތް އިރު، ހަމައެކަނި ވެކްސިނަކުން ކޮވިޑް ނުހުއްޓުވޭނެކަމަށް، ޑަބްލިއުއެޗްއޯއިންވެސް ދަނީ އިންޒާރު ކުރަމުންނެވެ. ޖިސްމާނީ ގައިދުރު ކަން ތަންފީޒު ކުރުމާ، ރަނގަޅު ގޮތުގައި މާށްކު ބޭނުން ކުރުމާ، އަތް ސާފު ކުރުން ފަދަ ކަންކަމަކީ، ވެކްސިނާއެކުގައިވެސް ކުރިއަށް ގެންދަން ޖެހޭނެ އާދާތަކެއް ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.